ކޮވިޑް-19: ބޭރުން އަންނަ ގޮތަށް އަންނައުނު ދޮންނަން ޖެހޭތަ؟

މި އަހަރުގެ ކުރީކޮޅު ފެތުރެން ފެށުނު ކޮރޯނާވައިރަހުގެ ވަބާގައި މުޅި ދުނިޔެ އޮއްވައި، މިހާރު މި ވަނީ އަހަރު ދެބައި ވެފައެވެ. އެއާއެކު، މި ނުރައްކާތެރި ގައިން ގަޔަށް އަރާ ބައްޔާއެކީ ދިރިއުޅެން ވެސް ގިނަ ބަޔަކު ވަނީ ދަސްކޮށްފައެވެ. އެގޮތުން، ރާއްޖޭގައި އޮތް ލޮކްޑައުންއަށް ލުއިތަކެއް ދީ، މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ވެސް ބޭރަށް ދެވޭނެ ގޮތަށް ސަރުކާރުން މިވަނީ ނިންމައިފައެވެ.

ނަމަވެސް، ކޮރޯނާވައިރަހުން ރައްކާތެރިވެ ތިބުމުގެ ގޮތުން އަދާކުރަންޖެހޭ ފަރުދީ ޒިންމާތަކަށް އަދިވެސް ބަދަލެއް ނާދެއެވެ. އެގޮތުން، ގައިދުރުކުރުމާއި، މާސްކު އެޅުމާއި، އަތްދޮވުން ފަދަ ކަންކަން އަދިވެސް ފަރުވާ ބަހައްޓައިގެން ކުރުން ލާޒިމެވެ. އަދި މި ފިޔަވަޅުތަކާ ގުޅިގެން، އެންމެ ރައްކާތެރި ގޮތަކީ ކޮބައިތޯ ބެލުމަށް އާއްމުންގެ މެދުގައި އުފެދޭ ސުވާލުތައް ވެސް ގިނައެވެ. އޭގެތެރެއިން އެއް ސުވާލަކީ، ގެއިން ބޭރަށް ދާއިރު ލައިގެން ހުންނަ ހެދުން، ގެއަށް އައުމަށްފަހު ބަދަލުކޮށް، ދޮވުމަކީ ލާޒިމު ކަމެއްތޯއެވެ.

ކޮރޯނާވައިރަސް ހަރުލަނީ ކޮންކަހަލަ ތަންތަނެއްގަ؟

ދިރާސާތަކަށް ފަހު ސިއްހީ މާހިރުން ބުނެފައިވާގޮތުން، ކޮރޯނާވައިރަހުގެ އަސަރު އެންމެ ގިނަދުވަސް ވަންދެން ހަރުލާފައި ހުންނަނީ ޕްލާސްޓިކް ސާފެސް ތަކުގައާއި، ދަގަނޑު (ސްޓީލް) ސާފެސް ތަކުގައެވެ. އެގޮތުން، އެފަދަ ސާފެސް ތަކުގައި ގިނަވެގެން ތިން ދުވަސް ވަންދެން ކޮރޯނާވައިރަސް ހަރުލާފައި ހުންނަ ކަމަށްވެއެވެ. ނަމަވެސް، ފޮތި ސާފެސް (މިސާލަކަށް އަންނައުނު) ގައި ކޮރޯނާވައިރަސް ހަރުލުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތުން ހާމަކުރެއެވެ. އެހެނަސް، އަރައިގެން ހުންނަ ބޫޓުގައި ކޮރޯނާވައިރަސް ހަރުލުމަކީ ވެދާނެ ކަމެކެވެ.

ގެއަށް އަންނަގޮތަށް ހެދުން ދޮންނަން ޖެހޭތަ؟

ސިއްހީ މާހިރުންގެ ލަފައަށް ބަލާނަމަ، ހެދުމުގައި ކޮރޯނާވައިރަސް ހަރުލުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ. އެހެންކަމުން، ބޭރުން އަންނަ ގޮތަށް ލައިގެން ހުންނަ ހެދުން ދޮވުމަކީ ކޮންމެހެން މުހިއްމު ކަމެއް ނޫނެވެ. ނަމަވެސް، ސިއްހީ ދާއިރާގައި ނުވަތަ ފްރަންޓު ލައިނުގައި މަސައްކަތް ކުރާ މީހެއްނަމަ، ގެއަށް އަންނަ ގޮތަށް ހެދުން ދޮންނަން ލުމަކީ ބުއްދިވެރި ގޮތެކެވެ. ނުވަތަ ކޮރޯނާވައިރަހާ ދޭތެރޭ މާބޮޑަށް ޝައްކު އުފެދޭނަމަ، އަމިއްލަ ހިތްހަމަޖެހުމަކަށް ހެދުން ދޮވެލެވިދާނެއެވެ.

ދޮންނާނީ ކިހިނެއް؟

ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލުން ބުނާގޮތުގައި، ސިއްޙީ ދާއިރާގައި އަދި ފްރަންޓު ލައިނުގައި މަސައްކަތް ކުރާ ފަރާތްތަކުން މަސައްކަތު މާހައުލުގައި އުޅެފައި އައުމަށްފަހު ހެދުން ދޮންނައިރު، އެންމެ ރަނގަޅު ގޮތަކީ ވީހާވެސް ހޫނުފެނުން ދޮވުމެވެ. އަދި ކޮރޯނާވައިރަހުގައި އެކުލެވޭ ފެޓީ މެމްބްރޭން ފަށަލައަކީ، އާދައިގެ ދޮންނަ ކުނޑި ބޭނުންކުރުމުން ނެތިދާ އެއްޗެއް ކަމަށް ބުނެފައިވެއެވެ. އެހެންކަމުން، ގޭގައި ގެންގުޅޭ އާދައިގެ ޑިޓާޖެންޓުން ދޮވުނަސް އެއްވެސް މައްސަލައެއް ނުޖެހޭނެއެވެ.

ހިއްކާނީ ކިހިނެއް؟

ރަނގަޅަށް ހެދުން ދޮވުމަށްފަހު،ފުރަތަމަ މެޝިނުގެ ހިއްކާ ބައިން ހިއްކާލާށެވެ. އެއަށްފަހު، އަވި ޖެހޭ ތަނެއްގައި ހިއްކަން އަޅާފައި ބަހައްޓާށެވެ. އެވަރުންވެސް ޝައްކު އުފެދޭ ނަމަ، ދެތިން ދުވަސް ވަންދެން އެ ހެދުން އެއްޗަކަށް ލައި ބަންދުކޮށްފައި ބާއްވާށެވެ. އޭރުން އެ ދުވަސްތަކުގައި، ޤުދުރަތުން ކޮރޯނާވައިރަސް މަރުވާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!