އިންޑަސްޓްރިއަލް ވިލެޖުގައި ކުނި އަޅާފައިވާ މަންޒަރެއް

އިންޑަސްޓްރިއަލް ވިލެޖުގައި ހުރި 400 އަށް ވުރެ ގިނަ ވެހިކަލް ނަގަން އަންގައިފި

މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ހުރި 400 އަށްވުރެ ގިނަ ވެހިކަލް މިމަހުގެ 24 ވަނަ ދުވަހުގެ ކުރިން ނެގުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މާލޭގެ ހުޅަނގު ފަރާތުން ހިއްކައިގެން ހަދާފައިވާ ސަރަހައްދު (އިންޑަސްޓްރިއަލް ވިލެޖު) އެ ކައުންސިލާއި ވެމްކޯ ގުޅިގެން ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެތަނުގެ ޙާލަތު ދެނެގަތުމަށް ސިޓީ ކައުންސިލުން ޚާއްސަ ސަރވޭއެއްކޮށްފައިވާއިރު، އެ ސަރަޙައްދުގައި މިވަގުތުވެސް 449 ވެހިކަލް ޕާކްކޮށްފައިވާކަމަށާއި މީގެ ތެރޭގައި ކުނި އަޅާފައިހުރި 46 ޕިކަޕަކާއި، ގިނަ އަދަދެއްގެ ކާރާއި ޕިކަޕު ހިމެނޭ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.

އެހެންކަމުން އެސަރަހައްދުގައި ޕާކް ކޮށްފައި ހުރި ހުރިހާ ވެހިކަލްތަކެއް މި މަހުގެ 18 ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ނެގުމަށް އެތަކެތީގެ ވެރިފަރާތްތަކަށް އަންގާ ކަމަށެވެ.

އަދި މި މުއްދަތުގެ ތެރޭގައި އެތަކެތި ނުނަގައިފިނަމަ، އެ ކައުންސިލްގެ ފަރާތުން ފުލުހުން މެދުވެރިކޮށް ވެހިކަލްތައް ނެގުމުގެ މަސައްކަތް ކުރާނެ ކަމަށާއި އެތަކެތި ނެގުމުގައި ތަކެއްޗަށް ލިބޭ ގެއްލުމުގައި ކައުންސިލުން ޒިންމާ ނުވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ސަރަހައްދުގައި ހުރި އިންޖީނު ނެތް ވެހިކަލްތައްވެސް މި މުއްދަތުގެ ތެރޭގައި ނުނަގައިފިނަމަ، އުކާލެވޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!