ބަންގްލަދޭޝްގެ އިތުރު 200 މީހަކު އަނބުރާ ގައުމަށް

ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ ބަންގްލަދޭޝްގެ ރައްޔިތުން ފޮނުވާލުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުުރު 200 މީހަކު ފުރުވާލައިފިއެވެ.

މި މީހުން ފުރުވާލާފައިވަނީ މެންދުރުގެ ވަގުތެއްގައި މޯލްޑިވިއަންގެ ފްލައިޓެއްގައިއެވެ. ބަންގްލަދޭޝް މީހުން ފޮނުވާލުމުގެ މަސައްކަތް ކުރަނީ އިކޮނޮމިކް މިނިސްޓްރީއާ ފޮރިން މިނިސްޓްރީ ގުޅިގެންނެވެ.

ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ފެށުނީ، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ އާބާދީގެ ތެރޭގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެން ފެށުމުންނެވެ. ހާއްސަކޮށް ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީންގެ ތެރެއިން ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު ވަނީ ގިނަވެފައެވެ.

ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބައެއް ބިދޭސީން ވަނީ ސަރުކާރުން ގާއިމްކޮށްފައިވާ ފެސިލިޓީސްތަކަށް ބަދަލުކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!