ގަވާއިދާ ހިލާފަށް އުޅުނު 2499 މީހަކު ގައުމަށް ފޮނުވާލައިފި

ރާއްޖެއިން ކޮވިޑް-19 ފެނުނު ފަހުން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް މީހުން ގައުމަށް ފޮނުވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 2400 އަށްވުރެ ގިނަ މީހަކު އަނބުރާ ގައުމަށް ފޮނުވާލެވިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން މިއަދު ވިދާޅުވީ، 21 އެޕްރީލް އިން ފެށިގެން މިއަދުގެ ނިޔަލަށް، ލިޔެކިޔުން ނެތި ގަވާއިދާއި ހިލާފަށް އުޅުނު ބަންގްލަދޭޝް މީހުންގެ ތެރެއިން ފޮނުވާލި މީހުންގެ އަދަދު 2499 އަށް އަރާ ކަމަށެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވި، އެ މީހުން ފޮނުވާލާފައިވަނީ މިކަމަށް ހާއްސަކޮށް ގައުމީ އެއަރލައިން މޯލްޑިވިއަންއިން ބޭއްވި 11 ފްލައިޓްގަ އާއި ބަންގްލަދޭޝްގެ ބިމާން އެއަރގެ ފްލައިޓެއްގެ އިތުރުން ބަންގްލަދޭޝްގެ އަސްކަރީ ދެ މަތިންދާބޯޓަކާ އަދި ރާއްޖޭގައި ގަވައިދާ އެއްގޮތަށް އުޅެމުންދާ ބަންގްލަދޭޝްގެ ބައެއް ރައްޔިތުން އަނބުރާ ގައުމަށް ދިޔުމަށް ބޭނުންކުރި މޯލްޑިވިއަންގެ ރިޕަޓްރިއޭޝަން ފްލައިޓެއް މެދުވެރިކޮށް ކަމަށެވެ.

ދިވެހި ސަރުކާރުން ވަނީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފަށާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!