ސިޔާސީ ލީޑަރުންގެ ގޮތުގައި އުޅުއްވާ އެންމެން ކަހަލަ ގޮތަކަށް ހިޔާނާތުގެ ލިސްޓުގައި އެބައޮތް: ޕީޖީ

ރާއްޖޭގައި ސިޔާސީ ލީޑަރުންގެ ގޮތުގައި އުޅުއްވާ އެންމެން ކަހަލަ ގޮތަކަށް އެމްއެމްޕީއާރްސީ ހިޔާނާތުގެ ލިސްޓުގައި ނަން އެބައޮތް ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ ހިޔާނާތުގެ ލިސްޓުގައި 260 އެއްހާ މީހުން އެބަ ތިބި ކަމަށެވެ. ނަމަވެސް އެ ހުރިހާ ފަރާތްތަކަކީ ޕީޖީން ދައުވާކުރާނެ މީހުންނެއް ނޫން ކަމަށާއި އޭގެތެރޭގައި ރަނގަޅު މުއާމަލާތްތަކެއް ކޮށްފައިވާ މީހުންވެސް ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެމީހުންނަށް ފިޔަވަޅު އެޅުމުގެ ވިސްނުމެއް ނެތް ކަމަށް ޕީޖީ ވިދާޅުވިއެވެ.

ޕީޖީ ޝަމީމް ވިދާޅުވީ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ޒިންމާއަކީ އެ ލިސްޓުގައި ތިބި ބޭފުޅުން އެމްއެމްޕީއާރްސީ އާ އެކުގައި ހިންގާފައިވާ މުއާމަލާތަކީ ސައްހަ ނުވަތަ ގޯސް މުއާމަލާތެއްތޯ ބެލުމަށް ފަހު އެ ލިސްޓު ސާފު ކުރުން ކަމަށެވެ.

“ސިޔާސީ ލީޑަރުންގެ ތެރެއިން ހުރިހާ ދިމާލެއްގެ ބޭފުޅުންވެސް މިއީ މީގެ ތެރޭގައި ހިމެނޭ، މި ދެންނެވީ ކޮންމެވެސް ވަރަކަށް ވެސް ފައިސާ ލިބިގެން ނުވަތަ ތުހުމަތު ކުރެވިގެން އެމީހުންގެ ނަން އެއްކަލަ ލިސްޓަށް [260 މީހުންގެ ލިސްޓަށް] އަރާފައި އެބައޮތް،” ޕީޖީ ވިދާޅުވިއެވެ.

ރޭގެ ޕްރޮގްރާމުގައި ޝަމީމް ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތް ރާވާ ހިންގުމުގައި އެންމެ އިސްކޮށް ތިއްބެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލައިގައި ކުރީގައި މަސައްކަތް ކުރެއްވި ބޭފުޅުންނާއި މިހާރު އުޅުއްވާ ބޭފުޅުންނާއި މެދު އެއްވެސް ކަހަލަ ސުވާލު އުފެދޭ ކަމެއް އޮތްތޯ ބެލުމަށް ޕީޖީ އޮފީހުގެ އެތޭރޭގެ އިންްކުއަރީ ހެދުމަށް 3 ބޭފުޅެއްގެ ކޮމިޓީއަކާއި ހަވާލު ކޮށްފައިވާނެކަމަށެވެ.

ކުރިޔަށް އޮތް ހަފްތާއެއް ހާ ދުވަހުގެ ތެރޭގައި އޭގެ ރިޕޯޓު ލިބޭނެކަން ފާހަގަކޮށް ޕީޖީ އިތުރަށް ވިދާޅުވީ، އޭގެއިން ޕީޖީ އޮފީހުގައި “ވީކްނެސް” ހުރި ދިމާތައް ދެނަގަނެވޭނެ ކަމަށެވެ. އަދި އެތަންތަން ރަނގަޅުކުރާނެ ކަމަށް ޕީޖީ ވިދާޅުވިއެވެ. އަދި މިހާރު މި ކުރިޔަށް ދާ މަރުހަލާގެ ތެރެއިން އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތްކަން ޔަގީން ކަމާއި އެކު ދަންނަވަން ކެރޭނެ ކަމަށް ޕީޖީ ވަނީ ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!