އަތޮޅުތެރޭގެ ބައެއް ސްކޫލުތަކުގައި ކިޔަވާ ދެމުންދާ ވާހަކަތައް މިނިސްޓްރީން ދޮގުކޮށްފި

އަތޮޅުތެރޭގެ ބައެއް ސްކޫލުތައް ހުޅުވައިގެން ކިޔަވާ ދެމުންދާ ވާހަކަތައް އެޑިއުކޭޝަން މިނިސްޓްރީން ދޮގުކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ އައްޑޫ ހައި ސްކޫލް، ގދ. އަތޮޅު ތަޢުލީމީ މަރުކަޒު އަދި ލ. ގަން ހަމަދު ބިން ޚަލީފާ އައްސާނީ ސްކޫލު ހުޅުވައިގެން ކިޔަވާ ދެމުންދާ ކަމަށް ސޯޝަލް މީޑިއާގައި ހަގީގަތާ ޚިލާފު ވާހަކަތަކެއް ދެކެވެމުންދާ ކަމަށެވެ.

އެކަމަކު އެކަން އެގޮތަށް ކުރިއަށްނުދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލާދީ މަބްރޫކް ވިދާޅުވީ މި ތިން ސްކޫލަކީވެސް ކުރިންވެސް އެކުގައި މަސައްކަތްތަކެއް ކުރި ސްކޫލުތަކެއް ކަމަށެވެ. އެގޮތުން ތިން ސްކޫލުން އެކުވެގެން ކުރެވުނު މަސައްކަތުގެ ތެރެއިން މިދުވަސްވަރު އޮންލައިން ކްލާސްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް ނެތް ރަށްރަށުގައި، އަންނަ ޖުލައި މަހުގެ އެކެއްގައި ސްކޫލުތައް ހުޅުވާލަން މިހާރު ވަނީ ނިންމާފައެވެ. ނިއު ނޯމަލްގައި ސްކޫލުތައް ހުޅުވާލާނީ ފޭސްތަކަކަށް ބަހާލައިގެންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!