މާމެންދޫއާއ ގެމަނަފުށި މޮނިޓަރިން އަށް ލާން ގޮތް ނިންމަނީ

މާލެ އިން ގއ. މާމެންދު އަށް ދިޔަ މީހެއްގެ ގައިން ކޮވިޑް-19 ފެނިފައި ވާތީ، އެ ރަށާއި އެ މީހާއާ އެކު ދަތުރުކުރި އިތުރު ބަޔަކު ތިބި އެ އަތޮޅު ގެމަނަފުށި މޮނިޓަރިންގެ ހާލަތަށް ބަދަލުކުރުމާ މެދު ގޮތެއް ނިންމާނީ ކޮންޓެކްޓް ޓްރޭސިން އަށް ފަހު ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ރޭ ބުނެފިއެވެ.

އެންއީއޯސީން ބޭއްވި މީޑިއާ ބްރީފިންގައި ކޮވިޑް-19 އަށް ހާއްސަ ތަރުޖާމަން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މާމެންދު އަށް ދިޔަ ފަހުން ޕޮޒިޓިވްވިކަން އެނގިފައި ވަނީ މިދިޔަ މަހުގެ 31 ގައި މާލެ އައި މީހެއް ކަމަށެވެ. އޭނާ މާލެ އައީ ބަލި މީހަކާ އެކު ކަމަށާއި، އެ މީހާ ހުރީ މާލޭގެ ގެސްޓް ހައުސްއެއްގައި ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މާމެުންދޫއަށް ދިޔަ މީހާ އެ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ އިއްޔެއެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި، އެ މީހާ އަނބުރާ ރަށަށް ދިޔައީ މިދިޔަ ހޮނިހިރު ދުވަހެވެ. އެ މީހާ ދަތުރުކުރި މަތިންދާބޯޓުގައި އިތުރު 40 މީހަކު ތިބި ކަމަށާއި އޭގެ ތެރޭގައި ގިނައީ ގެމަނަފުށީ މީހުން ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެ މީހާއާ އެކު އެ ބޯޓުގައި އާއިލާގެ ދެ މީހަކު ދަތުރުކުރިއެވެ.

ކޮވިޑް-19 އަށް އެ މީހާ ޓެސްޓު ކުރީ، އެ ބަލީގެ އަލާމާތްތައް ފެނިގެން މިދިޔަ އާދިއްތަ ދުވަހު ރިޕޯޓުކުރުމުންނެވެ. އެހެންވެ، ޖެހިގެން އައި ހޯމަ ދުވަހު ސާމްޕަލް ނަގައި ނަތީޖާ ލިބުނީ އިއްޔެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މި ކޭސްއާ ގުޅިގެން މާމެންދު އާއި ގެމަނަފުށީގައި ވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށް ދެއެވެ. އަދި އެ ދެ ރަށާ މެދު އިތުރު ގޮތެއް ނިންމާނީ އޭގެ ފަހުން ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މާމެންދޫ ކައުންސިލުން ބުނީ، އެ ރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާގެ ކިބައިން އަލާމާތްތައް ފެނުނުއިރު ހުރީ ހޯމް ކަރަންޓީންގައި ކަމަށެވެ. އަދި ހޯމް ކަރަންޓީންގައި ހުރި ގޭގައި އުޅެނީ އޭނާއާ އެކު މާލެ އިން ދިޔަ ދެ މީހުން ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މާލެ އިން ރަށްރަށަށް މީހުން ފޮނުވުމުގައި މިހާރު ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން، މާލެ އިން ކޮންމެ މީހަކަށް ވެސް ސީދާ ރަށަށް ދެވޭނެއެވެ. އެކަމަކު، ރަށަށް ގޮސް ހުންނަން ޖެހޭނީ ހޯމް ކަރަންޓީންގަ އެވެ. މިގޮތަށް އަމަލު ކުރަނީ އެ މީހާ ކަރަންޓީގައި ހުންނަ ތަނުގައި ވަކި ޝަރުތުތަކެއް ހަމަވާ ނަމައެވެ. ކަރަންޓީން ކުރާތާ 14 ދުވަސް ފަހުން ކޮވިޑް-19 އަށް ޓެސްޓު ކުރާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!