އަދީބާ ގާތް ގުޅުމެއް އޮތް ފުލުހުންނާއި އޭސީސީ މެންބަރުންގެ މައްސަލަ ބަލަނީ

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައާ ގުޅިގެން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އޭރު ގާތް ގުޅުމެއް ބާއްވާފައިވާ ފުލުހުންނާއި ކުރީގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުންގެ މައްސަލަތަކެއް ތަހުގީގު ކުރައްވަމުން ގެންދަވާ ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި މިރޭ ވާހަކަ ދައްކަވަމުންނެވެ. އެގޮތުން އޭނާ ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލަ ތެރޭގައި އެންމެ ބޮޑުކޮށް އުޅުނީ ހައެއްކަ މީހުން ކަމަށެވެ. އޭގެތެރެއިން ވެސް އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ތިން ބޭފުޅެއް ކަމަށާއި، އެއީ މުޅި ނިޒާމު ހިންގާ ރޭވުމުގައި އުޅުއްވި ތިން ބޭފުޅުން ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި ،އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ކަމަށް ޝަމީމް ވިދާޅުވިއެވެ.

ނަމަވެސް އެ ހިޔާނާތް ހިންގިފައި ވަނީ ހަމައެކަނި އެ ތިން ބޭފުޅުންގެ ހުށިޔާރު ކަމަކުން ނޫން ކަމަށް ޝަމީމް ވިދާޅުވިއެވެ. އެކަމުގައި އޭރުގެ ދައުލަތް ހިންގުމުގައި ތިބި މީހުންނާއި އަދި ދައުލަތުގެ މުއައްސަސާތަކުގައި ތިއްބެވި ވަރަށް ގިނަ ބޭފުޅުންގެ އިހުމާލު އެބައޮތް ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މައްސަލާގައި ދެން އުޅޭ ބަޔަކީ ސިޔާސީ ބައެއް ވެރިންނެވެ. އޭގެތެރޭގައި މިނިސްޓަރުކަމުގައި ތިއްބެވި ބޭފުޅުންވެސް ހިމެނޭ ކަމަށާއި، ނަމަވެސް އެބޭފުޅުންނަކީ މައްސަލައިގެ މައިގަނޑުގައި އުޅޭ ބޭފުޅުން ކަމަށް ނުވެދާނެ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ މައްސަލައަކީ ރިޔާސީ އިންތިހާބުގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުން ގާތު އިންސާފުވެރި ތަހުގީގެއް ކުރައްވާނެ ކަމަށް ވިދާޅުވެފައިވާ މައްސަލައެކެވެ. އެހެންކަމުން އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ހިޔާނާތުގެ މައްސަލަތައް ބެލުމަށް ރިޔާސީ ކޮމިޝަނެއް ވެސް ވަނީ އުފައްދަވާފައެވެ. ނަމަވެސް އެ ކޮމިޝަނުގެ މަސައްކަތުގެ ދުވެލި ލަސް ކަމަށް ބުނެ ސަރުކާރަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުން އަންނަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!