ޕާރަސްގެ ކުރީގެ ލޯބިވެރިޔާގެ ނަން ޖަހާފައި އިން ޓެޓޫ ފޮހެލައިފި

ކަލާޒް ޗެނަލުން ދެއްކި “ބިގް ބޮސް” ގެ 13 ވަނަ ސީޒަނުގައި ވާދަކޮށްގެން މަޤުބޫލުކަން ހޯދި ޕާރަސް ޗާބްރާ، އޭނާގެ ކުރީގެ ލޯބިވެރިޔާ އަކަންޝާގެ ނަން ޖަހާފައި އިން ޓެޓޫ ފޮރުވައި، އޭގެ މަތިން އެހެން ޓެޓޫ އެއް ޖަހައިފިއެވެ.

ޓީވީ ތަރިން ކަމަށްވާ ޕާރަސް އާއި އަކަންޝާގެ ގިނަ ދުވަސްވީ ލޯބީގެ ގުޅުމަށް ނިމުން އައީ، ޕާރަސް ބިގް ބޮސްގެ ގޭގައި އުޅެނިކޮށެވެ. އެއީ އެ ޝޯގެ އެހެން ބައިވެރިއެއް ކަމަށްވާ މާހިރާ ޝަރުމާއާއި ޕާރަސް މާ ގައިގޯޅިކޮށް އުޅޭތީ ފެނިގެން، ގެއިން ބޭރުގައި ހުރި އަކަންޝާ އެކަމާ ހިތްހަމަނުޖެހިގެނެވެ. އަދި އެވާހަކަ ޝޯގެ ހޯސްޓު ސަލްމާން ލައްވައި ޕާރަސް ކައިރީގައި ބުނުމުން، ޕާރަސް ވަނީ އަކަންޝާ ދެކެ ލޯބިނުވާކަމަށް ބުނެފައެވެ. އަދި ބިގް ބޮސްގެ ގެއަށް ވަނުމުގެ ދުވަސްކޮޅެއް ކުރިން އެ ގުޅުމުގައި މައްސަލަ ޖެހިފައިވާ ކަމަށާއި، އޭރުވެސް އަކަންޝާއާ އެކީގައި އުޅެން ބޭނުން ނުވާ ކަމަށް ބުނެފައިވާނެ ކަމަށް ޕާރަސް ބުންޏެވެ. ނަމަވެސް، އަކަންޝާ އެ ގޮތް ޤަބޫލުނުކޮށް، ޕާރަސްގެ ފަހަތުން މަތިންބައިން އުޅުނީ ކަމަށް ބުނުމުން، އަކަންޝާ ވަނީ ޕާރަސްއާ ރުޅިވާން ނިންމައިފައެވެ.

ޓީވީ ޝޯއެއްގެ ތެރެއިން ޕާރަސް އަކަންޝާގެ އަގު އެފަދަ ގޮތަކަށް ވައްޓައިލުމުން، ބެލުންތެރިން ވެސް ވަނީ ޕާރަސްއާމެދު ހިތްހަމަނުޖެހިފައެވެ. އަދި ޕާރަސްގެ އަތުގައި “އަކަންޝާ” ޖަހާފައި އިން ޓެޓޫ އިން އެކަނި ވެސް ޕާރަސް އަކަންޝާދެކެ ލޯބިވާކަން ހާމަވާ ކަމަށްބުނެ، ގިނަ ބަޔަކު ވަނީ އަކަންޝާ ދިފާއުކޮށްފައެވެ.

ކޮންމެއަކަސް، ޕާރަސް މިހާރު ވަނީ އެ ޓެޓޫ ފޮރުވައި، އޭގެމަތިން އެހެން ޓެޓޫއެއް ޖަހާފައެވެ. މިހާރު ޖަހާފައި އިނީ ބިގް ބޮސްގެ ލޯގޯ ރަމްޒުވާ ފަދަ ލޮލެކެވެ. އެއާ ބެހޭގޮތުން ވާހަކަ ދައްކަމުން ޕާރަސް ބުނީ، ބިގް ބޮސް އަކީ އޭނާގެ ހަޔާތުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، އެ ޝޯއާ މެދު ހިތުގައި އުފެދިފައި އޮންނަ ގުޅުން ވަރަށް ވަރުގަދަ ކަމަށެވެ.

މިކަމާ ބެހޭގޮތުން މީޑިއާ އަކުން އަކަންޝާގެ ބަހެއް ހޯދައިލަން ގުޅުމުން ބުނީ، އެއީ އޭނާއަށް އެއްވެސް ވަރަކަށް މުހިއްމު ޙަބަރެއް ނޫން ކަމަށާއި، އެއާ ބެހޭގޮތުން އެއްޗެއް ބުނުމުގެ ބޭނުމެއް ވެސް ނެތް ކަމަށެވެ.

ޙަޤީޤަތުގައި އަކަންޝާދެކެ ޕާރަސް އެންމެ ބޮޑަށް ރުޅި އައީ، ސަލްމާން ދެއްކި ވާހަކައަކުންނެވެ. ސަލްމާން އެފަހަރު ޝޯގެ ބައިވެރިންނާ ވާހަކަ ދައްކަމުން ޕާރަސްގެ ނަން ފާހަގަކޮށްފައި ބުނީ، ޝޯގެ ބޭރުގައި ހުރި މީހަކު ޕާރަސްއަށް އެއްޗެހި ފޮނުވައިދީ ހަދާއިރު، ޕާރަސް ޝޯގެ ތެރޭގައި ހުރެގެން ކުރާ ކަންތައް ވަރަށް ހަޑި ކަމަށެވެ. އެއީ ޕާރަސްއާއި މާހިރާ ގެ ގުޅުމަށް އިޝާރާތްކޮށް ސަލްމާން ބުނި އެއްޗެކެވެ. އެއާއެކު ޕާރަސް ވަނީ، އަކަންޝާ ބޭރުގައި ހުރެގެން ފޮނުވަނީ ކޯއްޗެއްތޯ އަހައިފައެވެ. އެއަށް ޖަވާބު ދެމުން ސަލްމާން ބުނީ، ޕާރަސްއަށް ޤަވާއިދުން ލިބޭ އަގުބޮޑު ސެންޓުފުޅި ތަކާއި ބޫޓުތައް ފޮނުވަނީ އަކަންޝާ ކަމަށެވެ. ނަމަވެސް އެކަމުގެ ބަދަލެއްގެ ގޮތުން އަކަންޝާއަށް ކުޑަވެސް އިހުތިރާމެއް ޕާރަސް ނުކުރާ ކަމަށް ބުނުމުން، ޕާރަސް ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. ޕާރަސް ޤަބޫލުކުރާ ގޮތުގައި، އެ ވާހަކައަކީ އޭނާގެ އަގު ވައްޓައިލަން އަކަންޝާގެ ރާވައިގެން ދެއްކި ވާހަކައެކެވެ.

ކޮންމެއަކަސް އެ ހައިޖަނުގަނޑަށް ފަހު ޕާރަސް ވަނީ އަކަންޝާއާ ރުޅިވި ކަން އިއުލާނުކޮށްފައެވެ. އަދި އަކަންޝާވެސް ވަނީ އޭނާގެ މީސްމީޑިއާ އެކައުންޓުތަކުގައި ހުރި ޕާރަސްގެ ފޮޓޯތައް ޑިލީޓުކޮށްލާފައެވެ. އެހެންނަމަވެސް، ޕާރަސްއާ މާހިރާގެ ގުޅުން ކިތައްމެ ގާތްކޮށް ބިގް ބޮސްގެ ގޭ ތެރެއިން ފެނުނަސް، އެދެމީހުން އަދި އަދަށް ވެސް ބުނަމުން އަންނަނީ އެއީ ހަމައެކަނި ގާތް ދެ އެކުވެރިން ކަމަށެވެ. ބިގް ބޮސްއަށް ފަހު މި ދެތަރިން ވަނީ އެކުގައި ވީޑިއޯ ލަވައެއް ކުޅެފައެވެ.

މާހިރާ އާއި ޕާރަސް

ޕާރަސް ޗާބްރާއަށް ބިގް ބޮސް އިން ލިބުނީ ހަވަނައެވެ. އަދި އެ ޝޯ ނިންމާފައި، ކަލާޒްގެ އެހެން ޝޯއެއްގައި ވެސް އޭނާ ވަނީ ބައިވެރިވެފައެވެ. އެއީ “މުޖްސޭ ޝާދީ ކަރޯގޭ” ގެ ނަމުގައި ޕާރަސް އަށާއި، ހަމަ ބިގް ބޮސް އިން މަޤުބޫލުވި ޝެހެނާޒު ގިލްއަށް ބައިވެރިއަކު ހޯދައިދިނުމަށް ފެށި ޝޯއެކެވެ. ނަމަވެސް ކޮވިޑް-19 އާ ހެދި އެ ޝޯ ވަނީ ވަކި ހިސާބަކުން ހުއްޓާލައިފައެވެ.

ބިގް ބޮސްގެ 13 ވަނަ ސީޒަނަކީ، އެހެން ހުރިހާ ސީޒަންތަކާ ބަލާފައި ވެސް އެންމެ ކާމިޔާބު ސީޒަނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!