އެކަނިވެރިންނަށް އަރިދަފުސް ރޯގާ ޖެހުމުގެ ފުރުސަތު މާ ބޮޑު

އެކަނިވެރިކޮށް އުޅޭ މީހުންނަށް އަރިދަފުސް ރޯގާ ޖެހުމުގެ ފުރުސަތު، އެކުވެރިން ގިނަ އުފާވެރި މީހުންނާ އަޅާއިރު މާ ބޮޑު ކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފިއެވެ.

އެކަނިވެރިކޮށް އުޅޭ ބަޔަކު ވަކި ކޮޓަރިތަކެއްގައި ބޭތިއްބުމަށް ފަހު އެ މީހުންގެ ހަށިގަނޑަށް އަރިދަފުސް ރޯގާގެ ވައިރަސް ފޮނުވައި، ނަތީޖާ ބެލި އިރު އެނގުނީ އެކަނިވެރިކޮށް އުޅޭ މީހުން އަރިދަފުސް ރޯގާގެ ސަބަބުން ބަލިވާ މިންވަރު، އެކުވެރިން ގިނަ އުފާވެރި މީހުންނާ އަޅާބަލާއިރު މާ ބޮޑު ކަމެވެ.

އެމެރިކާގެ ރައިސް ޔުނިވަސިޓީން ކުރި މި ދިރާސާއިން ހާއްސަ ކަމެއް ފާހަގަވި އެވެ. ދިރާސާގައި ބައިވެރިކުރި މީހުންގެ ތެރެއިން، ވަރަށް ގިނަ މީހުންނާ ގުޅުން އޮންނަ ކަމަށް ބުނި މީހުންގެ ތެރެއިން ވެސް އެކަނިވެރިކަން އިހްސާސްވާ ކަމަށް ބުނި މީހުންނަށް ރޯގާގެ ސަބަބުން ކުރިމަތިވި އުނދަގޫތައް ބޮޑެވެ. މިކަމުން އެނގުނީ ކިތަންމެ މަދު މީހުންނަށް ގުޅުން އޮތް ނަމަވެސް އެކަނިވެރިކަން އެހާ ބޮޑު ނޫން ކަމަށް ބުނި މީހުންނަށް ރޯގާގެ ވޭން އެހާ ބޮޑު ނުވާ ކަމެވެ.

“ގުޅުން އޮންނަ މީހުން މަދުވުމާއި ގިނަވުމަކީ އެ މީހެއްގެ އިޖުތިމާއީ ގުޅުމުގެ ދުޅަހެޔޮކަން ސާބިތުކޮށްދޭ ކަމެއް ނޫން،” ދިރާސާ ޓީމުން ބުނެފައިވެއެވެ.

ދިރާސާގައި ބައިވެރިކުރި މީހުންނަށް ރޯގާގެ ސަބަބުން ކުރިމަތިވި މައްސަލަތައް ޓެސްޓްކޮށްގެން ބަލައިފައެއް ނުވެ އެވެ. މިކަން ވަޒަންކުރީ ސުވާލުކޮށްގެންނެވެ. ރޯގާގެ ސަބަބުން ކުރިމަތިވި އުނދަގޫތައް ބޮޑު ކަމަށް ބުނި މީހުން އެންމެ ގިނައީ، އެކަނިވެރިކަން އިހްސާސްވާ ކަމަށް މި ދިރާސާއަށް ފާހަގަވެފައިވާ މީހުންގެ ތެރޭގައެވެ.

މީގެ ކުރިން ކޮށްފައިވާ ދިރާސާތަކުން އެނގިފައިވާ ގޮތުގައި އެކަނިވެރިކަމުގެ ސަބަބުން މީހާގެ ދިފާއީ ނިޒާމު ބަލިކަށިވެ، ފަސޭހައިން ބަލިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!