މަޖިލީހުގެ 29 މުވައްޒަފަކު އެކަހެރިކޮށްފި

ރައްޔިތުން މަޖިލީހުގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން މަޖިލީހުގެ 29 މުވައްޒަފަކު އެކަހެރިވާން އަންގާފައި ވާނެ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއޯސީ) އިން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންއޯސީގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މަޖިލިސް މުވައްޒަފާއި ގާތުން ބައްދަލުވި 11 މުވައްޒަފަކު ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މަޖިލީހުގެ މެއިންޓެނެންސް ޑިޕާޓްމަންޓްގެ މުވައްޒަފަކު ކޮވިޑް-19 އަށް ޓެސްޓް ކުރުމުން އޭނާގެ ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

މަޖިލީހުގެ އިދާރާއިން ރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ އިދާރާގެ މުވައްޒިފަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށެވެ.

އެގޮތުން ކޮންޓެކްޓް ޓްރޭސިން ހެދުމާއި މަޖިލީހުގެ އިދާތާ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. އެގޮތުން ޑިސްއިންފެކްޓް ކޮށް ނިމިފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ވަނީ މައުލޫމާތު ދީފައިއެވެ. އަދި ކޮވިޑްގެ-19 އާ ގުޅިގެން އާންމު ކޮށްފައިވާ އުސޫލުތަކާއި އެއްގޮތަށް ރައްްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްފަހު މަޖިލީހުގެ މަސައްކަތްތައް އިދާރާގައި ކުރިއަށް ގެންދާނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!