މާމެންދޫން ޕޮޒިޓިވްވި މީހާއާއެކު ފްލައިޓުގައި 40 މީހުން ދަތުރުކުރި

ގއ. މާމެންދޫ އިން މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ، ރަށަށް ދަތުރުކުރި ފްލައިޓުގައި 40 މީހަކު ދަތުރުކުރި ކަމަށާއި އޭގައި ދެން ތިބީ އެއަތޮޅު ގެމަނަފުށި މީހުން ކަމަށް ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.

މަބްރޫކް ވިދާޅުވީ އެމީހާ، އެހީތެރިއެއްގެ ގޮތުގައި ބޭސް ފަރުވާއަށް މާލެއަށް އައިސްފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ކަމަށާއި އެމީހާ ހުރީ މާލޭގެ ގެސްޓް ހައުސްއެއްގައި ކަމަށެވެ. 

އެމީހާ ގެސްޓް ހައުސްއެއްގައި ހުރީ އާއިލާގެ އިތުރު ދެ މީހުންނާއެކު ކަމަށާއި މިމަހުގެ ހަ ވަނަ ދުވަހު ކޮވިޑަށް ޓެސްޓް ކުރިއިރު ބައްޔަށް ނެގެޓިވް ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ. 

މަބްރޫކް ވިދާޅުވި ގޮތުގައި މިމަހުގެ 13 ވަނަ ދުވަހު އަނބުރާ ރަށަށް ދިއުމަށް ފްލައިޓުގައި ދިޔައީ ކޫއްޑޫ މަގުންނެވެ. އެގޮތުން އާއިލާ ދެ މީހުންނާއެކު ރަށަށް ދިޔައިއިރު އެމީހާ ދަތުރުކުރި ފްލައިޓުގައި ޖުމްލަ 40 މީހުން ދަތުރުކުރި ކަމަށެވެ. ބާކީ އެހެން މީހުންނަކީ ގެމަނަފުށި މީހުން ކަމުން، އެ ދެ ރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ. 

މިއަދު ފައްސިވި މީހާ އާއި ގުޅިގެން ގެމަނަފުއްޓާއި މާމެންދޫގައި ވެސް ކޮންޓެކްޓް ޓްރޭސިން ކުރިއަށްދާކަމަށް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ ގެމަނަފުއްޓާއި މާމެންދުއަށް ދަތުރުކުރި މީހުން ތިބީ ގޭގައި ކަރަންޓީން ވެގެން ކަމަށް ވާތީ އެދެރަށުގައި އިތުރު ފިޔަވަޅެއް އަޅަން އަދި މިހާތަނަށް ނިންމާފައި ނުވާކަމަށެވެ.

މަބްރޫކް ވިދާޅުވީ މިއަދު ޕޮޒިޓިވްވި މީހާގެ ކިބައިން ބަލީގެ އަލާމާތްތައް ފެނުނީ 14 ވަނަ ދުވަހު ކަމަށެވެ. އޭނާ އަކީ 28 އަހަރުގެ ފިރިހެނެކެވެ.

މިއީ ހޯމް ކަރަންޓީނަށް ގޮސް، ގޭގައި ހުއްޓާ ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ މީހާއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!