ކައުންސިލްތައް ހިންގުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލައިފި

އައު ކައުންސިލަރުން އިންތިހާބު ކުރެވެންދެން ކައުންސިލްތައް ހިންގުމުގައި އަމަލުކުރާނެ އުސޫލެއް ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެކުލަވާލައިފި އެވެ.

ކޮވިޑް-19 ގެ ސަބަބުން ކައުންސިލް އިންތިހާބު ނުބޭއްވޭތީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭނެ އުސޫލުތައް ބަޔާން ކުރާ ސަންސެޓް ގާނޫނު މަޖިލީހުން ފާސްކުރުމުން ރައީސް އެ ގާނޫނު ތަސްދީގުކޮށްފައިވަނީ މިމަހުގެ ދެވަނަ ދުވަހުއެވެ.

ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ހާލަތުގައި ކައުންސިލް އިންތިހާބު ނުބޭއްވޭއިރު ކައުންސިލެއްގެ ގާނޫނީ އަދަދު ހަމަނުވާ ހާލަތެއްގައި ހުސްވި ކައުންސިލަރުގެ މަގާމަށް މީހަކު އިންތިހާބު ކޮށްގެން ނުވާނެ ކަމަށް ބިލުގައި ބުނެ އެވެ. އަދި ކައުންސިލަރަކު އައްޔަން ކޮށްގެން ނުވާނެ ކަމަށް ވެސް ބިލުގައިވެ އެވެ.

އޭގެ ބަދަލުގައި ދެން ކައުންސިލްގައި ތިބި ކައުންސިލަރުންނާ އެކު ކުރިއަށް ދެވޭނެ އުސޫލެއް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެކުލަވާލައި، އެ އޫސުލުގެ ތެރެއިން ކައުންސިލް ހިންގުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް އެ ބިލުގައި ބަޔާން ކޮށްފައިވެ އެވެ.

އެ ގާނޫނުގެ ދަށުން އުފައްދާފައިވާ އެލްޖީއޭގެ އައު ބޯޑުން ވަނީ ބައްދަލްވުންތައް ފަށާ އައު ކައުންސިލަރުން އިންތިހާބު ކުރެވެންދެން ކައުންސިލްތައް ހިންގުމުގައި އަމަލުކުރާނެ އުސޫލެއް އެކުލަވާލާފައެވެ. މިމަހުގެ 16 ވަނަ ދުވަހު ބޭއްވި އެލްޖީއޭ ބޯޑް ބައްދަލްވުމުގައި ފާސްކުރި މި އުސޫލު މިހާރު ވަނީ ކައުންސިލްތަކާއިވެސް ހިއްސާކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!