7 ފެބްރުއަރީގެ މައްސަލަ މަޖިލީހުން ބަލަން ފަށައިފި!

7 ފެބްރުއަރީ 2012 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުގައި ކަން ހިނގާ ދިޔަގޮތް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީއިން ބަލަން ފަށައިފިއެވެ.

އެ ކޮމިޓީއިން މި މައްސަލަ ބަލަން ފެށީ، އެ މައްސަލަ ބަލަން އެދި އެމްޑީޕީގެ އެކްޓިވިސްޓަކު މަޖިލީހަށް ސިޓީއެއް ފޮނުވުމުން، ރައީސް ނަޝީދު އެ މައްސަލަ ބައްލަވަން ނިންމަވައި، އެ ސިޓީ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީ އަށް ފޮނުއްވުމުންނެވެ. 

އެ މައްސަލަ ބަލަމުންދާ ކަމަށް އެ ކޮމިޓީގެ މުޤައްރިރު އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފުވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. 

އިބްރާހިމް ރަޝީދު މޫސާ ނަމަކަށް ކިޔާ މީހަކު މަޖިލީހަށް ފޮނުވާފައި ސިޓީގައި ބުނެފައިވަނީ 7 ފެބްރުއަރީގައި އާންމުންގެ ތިން މީހުން ކަމުގައިވާ މުހައްމަދު ނާޒިމް، އަބްދުﷲ ރިޔާޒު އަދި އަހްމަދު ފަޔާޒު (އެފްއޭ) ރައީސުލްޖުމްހޫރިއްޔާ އެއްވެސް ޝަރުތެއްނެތި އިސްތިއުފާ ދިނުމަށް ލައުޑް ސްޕީކަރު ބޭނުންކޮށްގެން ގޮވަމުން ދިޔަމަންޒަރު މުޅި ރާއްޖެއަށް ޓީވީ ތަކުން ވަގުތުން ދުރަށް ދައްކަމުން ދިޔަކަމަށެވެ. އަދި މި “ބާޢީންގެ” 3 މީހުން ރައީސް އޮފީހަށް ވަދެ ބިރުވެރިކަން އުފެދޭ ގޮތަށް އޮފީސްތެރޭ އެކި މާލަންތަކަށް ވަދެ އުޅުނީ ކޮން ހައިސިއްޔަތަކުންތޯ ބެލުމަކީ މިހާރު ކުރަން ޖެހިފައިވާކަމެއް ކަމުގައި ރަޝީދު ބުނެފައިވެއެވެ.

މި މައްސަލަ މަޖިލީހުން ބަލަން ފަށާފައިވާއިރު 2012 ވަނަ އަހަރު ކޮމަންވެލްތުގެ ބައިވެރުވުމާއި އެކު ކުރިއަށް ގެންދެވުނު ތަހުގީގުން ވަނީ 2012 ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވީ އަމިއްލަފުޅަށް އެގޮތަށް ފެނިގެން ކަމަށާއި އެއީ ބަޣާވާތެއް ނޫންކަމަށް ނިންމާފައެވެ.

7 ފެބްރުއަރީ އާއި ގުޅިގެން ރައީސް ނަޝީދު އެކިފަހަރު ވާހަކަ ދައްކަވަނީ އެކިގޮތަށް ކަން ފާހަގަކުރެވެއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!