ސަރުކާރުގެ އިދާރާތައް ހުޅުވާ މުއްދަތު މިމަހުގެ ނިޔަލަށް އިތުރުކޮށްފި

ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އިދާރާތައް ހުޅުވާ މުއްދަތު މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ސަރުކާރުގެ އޮފީސްތައް ދިގު މުއްދަތަކަށް ބަންދުކުރުމަށްފަހު ހުޅުވަން ފަށާފައިވަނީ މިމަހުން ފެށިގެންނެވެ.

ރައީސް އޮފީހުން މިއަދު ބުނީ މި މުއްދަތުގެ ތެރޭގައި ވެސް ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ، ބުދަ، ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ސަރުކާރުގެ އޮފީސްތައް ހުޅުވާގޮތަށް ހަމަޖައްސަވައިފައިވާ ކަމަށެވެ.

އަދި ސަރުކާރުގެ އޮފީސްތައް ހަފުތާއަކު ހަތަރު ދުވަހު ހުޅުވާގޮތަށް ހަމަޖެއްސެވި ނަމަވެސް، އެ އިދާރާތަކަށް ރައްޔިތުން ހާޒިރުވެގެން ހިދުމަތް ހޯދުމުގެ ފުރުސަތު ހުޅުވައިނުލުމަށް ވެސް ސަރުކާރުގެ އޮފީސްތަކަށް އެމަނިކުފާނު އަންގަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ސަރުކާރުގެ އިދާރާ ހުޅުވައިގެން ކުރާނެ މަސައްކަތްތައް އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅުއްވަންވާނެ ކަމަށާއި އިދާރާއެއް ހުޅުވާނީ އެ އިދާރާއަށް މުވައްޒަފުން ހާޒިރުވެގެން އެ އިދާރާއަކުން މި ދުވަސްވަރު ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެކަނި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި މި ހާލަތުގައި ވީހާވެސް މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތަށް ނެރުމަށް ސަރުކާރުގެ އޮފީސްތަކަށް އަންގަވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!