މެމްބަރު ނާޒިމްގެ އަތުން 1.3 މިލިއަން ރުފިޔާ ހޯދަން ކޯޓަށް!

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހައްޔަރު ކުރުމާ ގުޅިގެން، ޕްރިމިއާ ޗެމްބާސް އިން ފޯރުކޮށްދިން ގާނޫނީ ކަންކަމަށް ލިބެންޖެހޭ 1.3 މިލިއަން ރުފިޔާ ހޯދަން އެ ލޯ ފާމުން އޭނާއާ ދެކޮޅަށް ދައުވާކޮށްފި އެވެ.

ގ. އެނިފްގޭގައި ހުންނަ ނާޒިމްގެ ކޮޓަރިން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލައިގައި ފެބްރުއަރީ 10، 2015 ގައި އޭރުގެ ޑިފެންސް މިނިސްޓަރު ނާޒިމް ހައްޔަރުކުރި ހިސާބުން ފެށިގެން، އެ މައްސަލަ އިސްތިއުނާފުކުރަން ހައި ކޯޓަށް ހުށަހެޅުމާ ހަމައަށް އޭނާގެ ގާނޫނީ މަސައްކަތްތައް ކުރަމުން ދިޔައީ ވަކީލް މައުމޫން ހަމީދުގެ ހިއްސާ އޮންނަ ޕްރިމިއާ ޗެމްބާސް އިންނެވެ. ނަމަވެސް އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން ބޭއްވި ފަހުން ނާޒިމް ވަނީ އެ ލޯ ފާމު ދޫކޮށްލައްވައިފަ އެވެ.

އެ މައްސަލައިގައި މާޗު 27، 2015 ގައި ކްރިމިނަލް ކޯޓުން ވަނީ ދަނގެތި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މިހާރުގެ މެމްބަރު ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ. ހައި ކޯޓުން ވެސް ވަނީ ދަށު ކޯޓުގެ ހުކުމަށް 2016 ގައި ތާއިދުކޮށްފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެންމެ މަތީ ކޯޓުން ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ. އެކަމަކު، އެ މައްސަލަ ރިވިއުކުރަން ސުޕްރީމް ކޯޓަށް ފަހުން ހުށަހެޅުމުން އެ ކޯޓުން ވަނީ 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށްފަ އެވެ.

ޕްރިމިއާ ޗެމްބާސްގެ ފަރާތުން މި މައްސަލަ ކޯޓުގައި ތަމްސީލު ކުރައްވާ ވަކީލް މުހައްމަދު ޝާކިރު މިއަދު ވިދާޅުވީ، އެ ލޯ ފާމު ދޫކޮށްލިއިރު ބޭރުގެ އެކި ފަރާތްތަކާ ބައްދަލުކޮށް، ނާޒިމްގެ މައްސަލައިގެ މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ވެސް އެ މައްސަލައާ ގުޅޭ ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށާއި އެ ހިދުމަތްތަކަށް 977،353ރ. ދެއްކުމަށް އެދި އެތައް ފަހަރެއްގެ މަތިން ނާޒިމަށް އަންގާފައިވާ ކަމަށް ވިދާޅުވި އެވެ.

އެ މުއްދަތުތަކުގެ ތެރޭގައި ފައިސާ ނުދެއްކުމުން މިދިޔަ މާޗު 18 ގައި އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ޖޫރިމަނާތަކާ އެކު 1.3 މިލިއަން ރުފިޔާ ހޯދައިދިނުމަށް އެދި އެވެ.

ޑިސްޕިއުޓު މަރުހަލާގައި ފުރަތަމަ އަޑުއެހުން މިއަދު ވަނީ ބާއްވައިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!