ފަތުރުވެރިނަށް އަލުން ހުޅުވާލުމާއި ގުޅޭ ގައިޑްލައިނަށް ބަދަލުގެންނަން ރައީސް ނިންމަވައިފި

ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުން އަލުން ހުޅުވާލުމާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ގައިޑްލައިނަށް ބައެއް ބަދަލުތައް ގެންނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ގައިޑްލައިނަށް ބަދަލުތަކެއް ގެންނަން ނިންމަވާފައި ވަނީ މިއަދު ކުރިއަށް ދިޔަ، ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީގެ ދެވަނަ ބައްދަލުވުމުގައި އެ ގައިޑްލައިނާ ގުޅޭގޮތުން ޓާސްކްފޯސްގެ ބައިވެރިންނާއި މަޝްވަރާކުރެއްވުމަށްފަހު އެވެ.

ޓާސްކްފޯސްގެ ދެވަނަ ބައްދަލުވުން ބާއްވަވާފައި ވަނީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިގޮތުން މި ބައްދަލުވުމުގައި ޓާސްކްފޯހުގެ މެންބަރުން ޚިޔާލު ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ފަތުރުވެރިން ރާއްޖެ އަންނައިރު ޢަމަލުކުރާނެ ގޮތްތައް ބަޔާންކޮށްފައިވާ މާއްދާތަކާއި، ފަތުރުވެރިން ކޮވިޑް-19 އަށް ޓެސްޓުހެދުމާއި، އައިސޮލޭޓް ކުރުމާއި ގުޅޭގޮތުން ހުރި ބައެއް މާއްދާތަކާއި އަދި ރިޒޯޓްތަކަށް ދަތުރުކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ގޮތްތައް ބަޔާންކޮށްފައިވާ މައްދާތަކުގައި ހުރި ކަންކަން ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާއިރު ދިވެހިރައްޔިތުންނާއި، ފަތުރުވެރިންނާއި އަދި ރާއްޖޭގައި އުޅޭ ހުރިހާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަމާއި ބެހޭގޮތުން މި ބައްދަލުވުމުގައި ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޓާސްކްފޯހުގެ ބައިވެރިންގެ ޚިޔާލުފުޅުތަކާއެކު ބައެއް މާއްދާތަކަށް ބަދަލުތަކެއް ގެންނެވުމަށް ނިންމަވާފައެވެ.

“ނެޝަނަލް ޓާސްކްފޯރސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ”ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ މި ޓާސްކްފޯހުގެ މައިގަނޑު މަޤްސަދަކީ ކޯވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ ޙާލަތުން، އިޤްތިޞާދީގޮތުން އަވަސް ރިކަވަރީ އަކަށް ވާސިލުވެ، އަދި އިޤްތިޞާދީ ދުވެލި އާރާސްތުކުރުމަށް ކަމާގުޅޭ ހުރިހާ ދާއިރާތަކެއްގެ ބައިވެރިވުމާ، ޚިޔާލާ، މަޝްވަރާގެ މަތިން، ކުރާނެ ކަންކަން ރާވައި ހިންގުމާ އަދި މި ކަންކަމަށް ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުމެވެ.

ނެޝަނަލް ޓާސްކްފޯސް ހިނގަމުންދާނީ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުންނެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!