ކޮރަޕްޝަންގެ ތުހުމަތުތައް ދޮގުކޮށް, އެ މައްސަލަ ބެލުމަށް އެމްޓީސީސީން އޭސީސީ އަށް ހުށަހަޅައިފި

އެމްޓީސީސީ އާ މެދު ކުރާ ކޮރަޕްޝަންގެ ތުހުމަތުތައް ދޮގުކޮށް، އެފަދަ ތުހުމަތެއް ކުންފުންޏާ މެދު ކޮށްފައިވާތީ އެކަން ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ކުންފުނިން އިސްވެ މައްސަލަ ހުށަހަޅައިފި އެވެ.

އެމްޓީސީސީން ބުނީ، ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓުން އެ ކުންފުންޏާ ހަވާލުކޮށްގެން މާލެ އަތޮޅުގައި ކުރިއަށްގެންދާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޕްރޮޖެކްޓަށް ބޭނުންވާ ބޮޑުހިލަ ސަޕްލައި ކުރުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނެ ނޫހެއްގައި ލިޔެފައިވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

އެ ކުންފުނިން ބުނީ މި މަސައްކަތް ހަވާލު ކުރުމުގައި ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިންގައިފައި ނުވާނެ ކަމަށެވެ. ކުންފުނީގެ ޕްރޮކިއުމެންޓާ ގުޅޭ މުއާމަލާތްތަކަކީ ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ޕޮލިސީތަކާއި މެނޭޖްމެންޓުން އެކުލަވައިލާފައިވާ ގަވައިދުތަކާ އެއްގޮތަށް ގެންދާ މުއާމަލާތްތަކެއް ކަމަށް ވެސް ބުންޏެވެ.

ކުންފުންޏާއި ކުންފުނީގެ މުވައްޒަފުން ބަދުނާމުކޮށް ކުންފުންޏަށް އޮތް އިތުބާރު ގެއްލޭ ގޮތަށް މިފަދަ ހަގީގަތާ ހިލާފު ހަބަރުތައް ނުފެތުރުމަށް އެމްޓީސީސީން އެދިފައިވެ އެވެ.

އެ ނޫހުގައި ބުނެފައިވާ ގޮތުން 171 މިލިއަން ރުފިޔާގެ އެ ޕްރޮޖެކްޓަށް ބޭނުންވާ ހިލަ ގެނައުމަށް އިންޑިޔާގެ އެމްއެމް އެކްސްޕޯޓާ ހަވާލުކުރީ އެމްޓީސީސީގެ އިސްވެރިންތަކަކަށް މާލީ މަންފާތަކެއް ވާ ގޮތަށެވެ. އެކަނަ ކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ ތެރޭގައި އަވަސް އަރުވާލައިގެން އެއް ރެއިން ކަމަށް ވެސް ބުނެފައި ވެއެވެ.

މިކަމާ ގުޅޭ ގޮތުން މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، މަސައްކަތްތައް ކުރިއަށް ގެންދިޔައީ އޮންނަ އުސޫލުގެ ތެރެއިން ކަމާ މެދު ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ. މީގެ އިތުރުން އެ ކުންފުނީގެ ޕްރޮކިއުމަންޓް ހެޑްގެ މަގާމުގައި ހުންނެވި އަބްދުﷲ ޝަފީރު މަހުމޫދާ މެދު ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން އެކަން ބެލިއިރު ޕީޖީގައި އޭނާއާ ގުޅޭ އެއްވެސް މައްސަލައެއް ނެތް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

އެމްޓީސީސީން މިކަން ދޮގުކުރާ އިރު އެކުންފުނީގެ އިސް ދެ މަގާމެއްގައި ތިއްބެވި ޗީފް ފައިނޭންސް އޮފިސަރު މުހަންމަދު ހިލްމީ އާއި ޖެނެރަލް މެނޭޖަރު، ޓްރޭޑް އިސްމާއިލް އަދުހަމް ވަނީ ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!