ވިލިމާލޭގައި އަޅާ ފުޓުބޯޅަ ޓްރެއިނިން ސެންޓަރުގެ މަސައްކަތް ޑިސެމްބަރުމަހު ނިމޭނެ

ވިލިމާލޭގައި އަޅާ ފުޓުބޯޅަ ޓްރެއިނިން ސެންޓަރުގެ މަސައްކަތް އަންނަ ޑިސެމްބަރުގެ މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ( އެފްއޭއެމް) ބުނެފިއެވެ.

މި ޓްރެއިނިން ސެންޓަރަކީ އޭއެފްސީގެ ރައީސްގެ ހާއްސަ ޕްރޮޖެކްޓެއް ކަމަށްވާ އޭއެފްސީ ޕްރެޒިޑެންޓްސް އިންފްރާސްޓްރަކްޗަރ އިނީޝިއޭޓިވް ދަށުން ކުރިޔަށް ގެންދާ މަޝްރޫއެކެވެ.

ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމަން މި މަސައްކަތް ހަވާލުކޮށްފައިވަނީ ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑާއި އެވެ.

މި މަޝްރޫއުގެ ދަށުން ޓާފް ބޮޑު ދަނޑެއްގެ އިތުރަށް އެކޮމަޑޭޝަން ބްލޮކަކާއި ފެސިލިޓީ އިމާރާތެއް ހެދުމަށް ވަނީ ނިންމާފައެވެ. ފުރަތަމަ ޑިވިޝަންގެ ޓީމްތަކަށް ހާއްސަކޮށްގެން އަޅާ އެކޮމަޑޭޝަން ބްލޮކްގައި ދެ ކޮޓަރީގެ 8 އެޕާޓްމެންޓް ހުންނާނެއެވެ.

ފެސިލިޓީ އިމާރާތުގައި 2 ޗޭންޖިން ރޫމާއި 2 ފާހާނަ ބަރީގެ އިތުރުން ރެފްރީންނަށް ހާއްސަ ބަޔަކާއި މެޗު ކޮމިޝަނަރަށް ހާއްސަ ކޮޓަރިއެއްގެ އިތުރުން ކުޅުންތެރިންނަށް ހާއްސަ ސަރަހަދެއްވެސް ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން މެޑިކަލް ފެސިލިޓީސްވެސް މި އިމާރާތުގައި ހުންނާކަމަށް އެފްއޭމުން ވަނީ ބުނެފައެވެ.

ވިލިމާލޭގައި ފުޓުބޯޅަ ޓްރެއިނިން ސެންޓަރުގެ ބިންގާ އެޅުމަށް މިދިޔަ ޑިސެމްބަރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މި ދަނޑާއެކު ދެވަނަ އަދި ތިންވަނަ ޑިވިޝަނުގެ މެޗުތައް މި ދަނޑުގައި ކުޅޭނެކަމަށެވެ. އަދި މި ދަނޑާއެކު ގިނަ ވަޒީފާގެ ފުރުސަތުތަކެއްވެސް ހުޅުވިގެންދާނެ ކަމަށާއި ވަޒީފާ ދިނުމުގައި ވިލިމާލެ ރައްޔިތުންނަށް ހާއްސަ އިސްކަމެއް ދޭނެކަންވެސް ބައްސާމް ވަނީ ފާހަގަކުރައްވާފައެވެ.

މި ޓްރެއިނިން ސެންޓަރުގެ ބިންގާ އެޅި 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 19 ވަނަދުވަހުއެވެ. ބިންގާ އަޅުއްވާދެއްވީ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އަހުމަދު މަހުލޫފާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!