އޭއެފްސީގެ އެންމެ މޮޅު ސޯލޯ ގޯލަކަށް ދަގަނޑޭގެ ގޯލު

އާންމުން ވޯޓު ދީގެން ހޮވި އޭއެފްސީ ކަޕްގެ އެންމެ މޮޅު ސޯލޯ ލަނޑަކަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ގެ ލަނޑު ހޮވިއްޖެއެވެ.

އެންމެ ގިނަ މީހުން ވޯޓު ދިން ދަގަނޑޭގެ ލަނޑަކީ އޭއެފްސީ ކަޕްގައި އިންޑޮނޭޝިއާގެ ޕާސިބޯ ބޮޖެމްމެގޯރާ ކޮޅަށް ދަގަނޑޭ ކާމިޔާބުކުރި ލަނޑެވެ. 2013 ވަނަ އަހަރު ކުޅުނު އެ މެޗުގައި ދަގަނޑޭ ވަނީ ހެޓްރިކް ހަދާފައެވެ.

އޮންލައިންކޮށް ވޯޓުލާން އޭއެފްސީން ހުޅުވާލިއިރު، އެއްވަނައަށް ދަނގަޑޭގެ ލަނޑު ހޮވުނީ 54 އިންސައްތަ ވޯޓާއެކުގައެވެ. މި ވޯޓުގައި ޖުމްލަ 14،342 (ސާދަ ހާސް، ތިންސަތޭކަ ސާޅީސް ދޭއް) މީހަކު ވަނީ ބައިވެރިވެފައެވެ.

ގަދަ ފަހެއްގައި ހިމަނާފައިވާ އަނެއް ގޯލަކީ 2015 ގެ އޭއެފްސީ ކަޕްގައި އިންޑޮނޭޝިއާގެ ޕަސިޕޫރާ ޖަޔަޕޫރްގެ ބޯޒް ސޮލޯސާ ޖެހި ގޯލެކެވެ. އަދި 2018 ވަނަ އަހަރު މިޔަންމާގެ ޔަންގޮން ޔުނައިޓެޑްގެ ނައިޖީރިއާ ފޯވާޑް އިމަނުއެލް އަޒޫ ޗޮކުވޫ ޖެހި ގޯލެކެވެ.

އޭއެފްސީން އަންނަނީ ފަހަކަށް އައިސް ސަޕޯޓަރުންގެ މެދުގައި، އޭއެފްސީ ކުޅުންތެރިން ޖަހާފައިވާ މޮޅުތި ހިތްގައި ގޯލު ގިންތި ކުރުމަށް ވޯޓު ނަގާފައެވެ. މީގެ ކުރިން އޭއެފްސީން ވަނީ އެންމެ ހިތްގައިމު ހިލޭ ޖެހުމާއި ދުރުން ޖަހާފައިވާ އެންމެ ރީތި ގޯލްވެސް ހޮވާފައެވެ.

އޭއެފްސީ ކަޕްގެ ތާރީހްގައި އެންމެ ގިނަ ގޯލް ޖެހި 10 ކުޅުންތެރިންގެ ތެރޭގައި ދަގަނޑޭ ހިމެނޭއިރު، އޭނާ ވަނީ ކެރިއަރުގައި 400 އަށްވުރެ ގިނަ ގޯލް ޖަހާފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!