ޕާކުތަކާއި މައިޒާންތަކުގައި އުޅޭ އިރު އަމަލުކުރަންޖެހޭ އުސޫލުތައް!

ކޮވިޑް-19އާ ގުޅިގެން ރައްކާތެރިކަމާއެކު އާންމު ޙާލަތަށް ރުޖޫޢަ ވުމަށް ޕާކުތަކާއި މައިޒާން ފަދަ ތަންތަނުގައި ރައްކާތެރި ކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކުރަ އުސޫލު އާންމުކޮށްފިއެވެ.

މި އުސޫލުގައި ޕާކު ނުވަތަ މައިޒާންތައް އާންމުންނަށް ހުޅުވާލުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރު ކުރަންޖެހޭކަމަށް ބުނެފައިވެއެވެ. އެގޮތުން ކޮވިޑް-19އިން ރައްކާތެރިވުމާ ގުޅޭ މަޢުލޫމާތާއި ޢަމަލުތައް ބަހައްޓަންވީގޮތުގެ އިރުޝާދު (މާސްކު އެޅުން، މަދުވެގެން 3 ފޫޓު ގައިދުރުމިން ބެހެއްޓުން، އަތުގެ ސާފުތާހިރުކަން، ފަދަ) ޕާކު ނުވަތަ މައިޒާނުގެ ވަންނަ ދޮރު ކައިރީގައި އަދި ތަނުގެ އެތެރޭގައި ފެންނަގޮތަށް ހުންނަން ޖެހެއެވެ.

އަދި މަދުވެގެން 3 ފޫޓު ގައިދުރުމިން ބެހެއްޓޭ ގޮތަށް އެއްފަހަރާ ތަނުގެ ތެރެއަށް ވަދެވޭނެ މީހުންގެ ޢަދަދު ފެންނަ ގޮތަށް ބޯޑުތަކުގައި ލިޔެފައި ބެހެއްޓުމާއި އެތަންތަނަށް މީހުން ވަނުމާއި ނުކުތުމުގެ އިންތިޒާމު ހަމަޖެހިފައި ހުންނަން ޖެހެއެވެ.

މީގެ އިތުރުން ޕާކު ނުވަތަ މައިޒާނުގައި އުޅޭއިރު މާސްކް އަޅައިގެން އުޅުމާއި، ކުޑަ ކުދިން ދުވެ ކުޅެ ހަދާއިރު މާސްކްގެ ސަބަބުން ދިމާވެދާނެ ކަމަކަށް ސަމާލުވުން، މާސްކް އެޅުމުގެ ރަނގަޅު އުސޫލުތަކާ އެއްގޮތަށް ޢަމަލު ކުރުމަށް ވަނީ އެދިފައެވެ. އަދި ޕާކު ފަދަ ތަންތަން މަދުވެގެން ދުވާލަކު 1 ފަހަރު ސާފުކުރުމާއި، ތަނުގައި ހުންނަ ގޮނޑި، ކުދިން ކުޅުމަށް އެރުމަށް ބޭނުންކުރާ ތަކެތި، މީހުން އަތްލާ ތަންތަނާއި ތަކެތި ޑިޓަރޖެންޓް (ސައިބޯނި ފެން) ބޭނުންކޮށްގެން ރަނގަޅަށް ސާފު ކުރުމަށް ވަނީ އަންގާފައެވެ.

ޕާކު ނުވަތަ މައިޒާންތައް ބޭނުންކުރާ ފަރާތްތަކުން ސަމާލުވާން ޖެހޭ ކަންތައްތައް ވެސް މި އުސޫލުގައި ހިމެނެއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!