ފޮޓޯ: ގޫގުލް

ޖިމް އަދި ފިޓްނަސް ސެންޓަރުތައް އަލުން ހުޅުވާއިރު އަމަލުކުރަންޖެހޭ އުސޫލުތައް!

ކޮވިޑް-19އާ ގުޅިގެން އާންމު ޙާލަތަށް ރުޖޫޢަ ވުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ޖިމް އަދި ފިޓްނަސް ސެންޓަރުތަކުގައި ރައްކާތެރިކަމާއެކު ޚިދުމަތްދޭނެ ގޮތުގެ އުސޫލުތައް ކަނޑައަޅައިފިއެވެ.

މިއުސޫލަކީ ޖިމް އަދި ފިޓްނަސް ސެންޓަރު ތަކުގައި ކޮވިޑް-19އިން ރައްކާތެރި މާހައުލެއް ގާއިމު ކުރުމަށްޓަކައި ކުރަންވީ ކަންތައްތައް ބަޔާންކުރާ އުސޫލެވެ. މި އުސޫލުގައި ބުނެފައިވަނީ ޖިމް ނުވަތަ ފިޓްނަސް ސެންޓަރުގެ ޚިދުމަތް އެއް ވަގުތެއްގައި ހޯދާ މީހުންގެ ޢަދަދު މަދުކުރުމަށްޓަކައި އެއްވަގުތެއްގައި އަންނަ މީހުންގެ ޢަދަދު ކަނޑައަޅާ ޝެޑިއުލް ހެދުމަށް ވަނީ އަންގާފައެވެ.

އަދި މިގޮތުން ކުރިއަށް އެޕޮއިންޓް ހޯދައިގެން ޖިމް އަދި ފިޓްނަސް ސެންޓަރު ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، އެޕޮއިންޓްމަންޓް ދިނުމުގައި ކޮވިޑް-19އިގެ އެއްވެސް ޢަލާމާތެއް (ހުންއައުން، ކެއްސުން ފަދަ) ހުރިތޯ ސުވާލުކުރުމާއި އެއްވެސް ޢަލާމާތެއް ހުރިނަމަ ތަނަށް ނައުމަށް އަންގަން ޖެހެއެވެ. އަދި މީހުން ޙަރަކާތްތެރިވާއިރު މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ކަށަވަރު ކުރެވިފައި ހުރުމާއި، އެޕޮއިންޓްމަންޓް ލިބިފައިވާ ގަޑީގެ ގިނަވެގެން 5 މިނެޓް ކުރިން ދިއުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން ސެޝަންތައް ފަށާގަޑިއާއި ނިމޭގަޑިތަކުގައި މީހުން ބައްދަލުނުވާ ގޮތަށް އަދި އެއްތަނަކަށް ގިނަ ނުވާ ގޮތަށް ގަޑިތަކުގެ އިންތިޒާމް ހަމަޖެއްސުމާއި، ގައިދުރުކަން ކުށަވަރު ކުރުމަށްޓަކައި ޖިމަށް ވަންނައިރު އަދި ނުކުންނައިރު 2 މީހުންގެ ދެމެދުގައި މަދުވެގެން 3 ފޫޓުގެ ދުރުމިން ހުންނަގޮތަށް ކިޔުއެއްގައި ތިބެގެން ވަދެ ނުކުމެވޭނެގޮތް ހަމަޖެއްސުމަށް ވަނީ އަންގާފައެވެ. އަދި ތަނުގައި ބޭނުންކުރާ އާލާތްތައް ބަހައްޓާފައި ހުންނަންވާނީ އެތަކެތި ބޭނުންކުރާމީހުންނަށް މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓޭ ވަރަށް ކަމަށް މި އުސޫލުގައި ބުނެއެވެ.

އަދި ތަނުގައި ބޭނުންކުރާ އާލާތްތައް ސާފުކުރިކަން ކަށަވަރު ކުރުމަށްޓަކައި އެކަމަށް މުވައްޒަފަކު ހުރުން ނުވަތަ އެކަންކަށަވަރު ކުރެވޭނެ އިންތިޒާމެއް ތަނުގައި ހަމަޖެއްސުމާއި، ކޮވިޑް-19އިން ރައްކާތެރިވުމާ ގުޅޭ މަޢުލޫމާތާއި ޢަމަލުތައް ބަހައްޓަންވީގޮތުގެ އިރުޝާދު (މާސްކް އެޅުން، މަދުވެގެން 3 ފޫޓު ގައިދުރުމިން ބެހެއްޓުން، އަތުގެ ސާފުތާހިރުކަން، ބޭނުންކުރާ އާލާތްތައް ސާފުކުރުން ފަދަ) ތަނަށް ވަންނަ ދޮރު ކައިރީގައި އަދި ތަނުގެ އެތެރޭގައި ފެންނަގޮތަށް ބެހެއްޓުމަށް ވަނީ އިރުޝާދު ދީފައެވެ.

މީގެ އިތުރުން ފައިސާގެ މުޢާމަލާތްތައް ކުރުމުގައި ކޭޝްލެސް ޕޭމަންޓް ހެދުމާއި، ތަނުގައި ސައިބޯނި ލައިގެން އަތްދޮވެވޭނެ ނުވަތަ ސެނޓައިޒަރ އިން އަތް ސާފުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ އިތުރުން މަދުވެގެން 3 ފޫޓަށް ވުރެ އިދުރުމިން ނުބެހެއްޓޭނަމަ ގްރޫޕް ކްލާސްތައް ނުބޭއްވުމަށް ވަނީ އަންގާފައެވެ.

މި އުސޫލުގެ ދަށުން ކޮންމެ ދުވަހެއްގެ ސެޝަން ނިމުމަށްފަހު ތަނާއި ތަނުގައި ބޭނުންކުރާ ތަކެތި ރަނގަޅަށް ސާފުކޮށް ޑިސްއިންފެކްޓް ކުރަން ޖެހެއެވެ. އަދި ތަނުގައި ހުންނަ ޢާލާތްތައް ބޭނުންކުރާ ފަރާތްތަކުން އެތަކެތި ބޭނުންކުރުމުގެ ކުރިން ސާފުކުރުމާއި، ތަނުގެ ފަރާތުން ސާފުކުރުމަށް ބޭނުންވާތަކެތި ފޯރުކޮށްދިނުމަށް ވަނީ އަންގާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!