މިދިޔަ މަހު އެންމެ ގިނަ މުދާ ރާއްޖެއަށް އެތެރެކުރީ އިންޑިއާއިން

މިދިޔަމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އިންޑިއާއިންކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ހުސްވި މޭމަހު އިންޑިއާއިން ރާއްޖެއަށް 262 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. މިއީ މިދިޔަމަހު އިމްޕޯޓްކުރި މުދަލުގެ 17 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޗައިނާއިންނެވެ. އިމްޕޯޓްގެ 16 އިންސައްތަ ޗައިނާއިން އެތެރެކޮށްފައިވާއިރު، އެއީ 245 މިލިއަން ރުފިޔާގެ މުދަލެވެ. 3 ވަނައަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ސިންގަޕޫރުންނެވެ. އެއީ 177 މިލިއަން ރުފިޔާގެ މުދަލެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް އެންމެ ގިނައިން އެތެރެ ކޮށްފައި ވަނީ ފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު، ފިޔާ އެތެރެކުރި މިންވަރު 82 ޕަސެންޓު އިތުރު ވެފައިވާއިރު މީގެ ސަބަބެއް ކަމަށް ކަސްޓަމްސް އިން ބުނަނީ ފިޔާގެ އަގު މައްޗަށް ދިއުމެވެ. މި އަހަރުގެ ކުރީކޮޅު އިންޑިއާ އަށް ކުރި ވިއްސާރައިގެ ސަބަބުން ފިޔާގެ އަގު އުފުލުމުން ސަރުކާރުން ވަނީ ރާއްޖޭގައި ފިޔާގެ އަގު ކޮންޓްރޯލް ކުރުމަށް އިމްޕޯޓު އިތުރުކޮށްފަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ މިހާތަނަށް އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ ވެސް ވަނީ 26 ޕަސެެންޓު ދަށްވެފަ އެވެ. މިދިޔަ އަހަރުގެ މެއި މަހުގެ ނިޔަލަށް 1.4 ބިލިއަން ރުފިޔާ ލިބިފައިވީ ނަމަވެސް މި އަހަރުގެ މި މުއްދަތުގައި ލިބުނީ 1.1 ބިލިއަން ރުފިޔާ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!