1993 އަކުން ފެށިގެން ޗައިނާއާއި އިންޑިއާއާ ދެމެދު ހެދިފައިވާ ހުރިހާ އެއްބަސްވުމަކާ ޗައިނާއިން ވަނީ ޚިލާފުވެފައި: ކުރީގެ ސަފީރު

1993 ވަނަ އަހަރުން ފެށިގެން އިންޑިޔާއާއި ޗައިނާއާއި ދެމެދު އަމާންކަން ޤާއިމުކުރުމަށް ހަދާފައިވާ ހުރިހާ އެއްބަސް ވުމަކާ ޗައިނާއިން މިދިޔަ އަންގާރަ ދުވަހު ޚިލާފުވެފައިވާ ކަމަށް، އިންޑިއާގެ ފަރާތުން ޗައިނާއަށް ކަނޑައަޅާފައިވާ ކުރީގެ ސަފީރު، ގޯތަމް ބަމްބަވާލޭ ވިދާޅުވެއްޖެއެވެ.

ގޯތަމް މިހެން ވިދާޅުވެފައިވަނީ، އިންޑިޔާ ޗައިނާ، މި ދެ ޤައުމުގެ ބޯޑަރު ސަރަހައްދުގައި މިދިޔަ އަންގާރަ ދުވަހު ހިނގި ކުރިމަތިލުމާ ބެހޭގޮތުން ‘ސްޓާނެޓް ގްލޯބަލް’ އަށް ދެއްވި އިންޓަވިއުއެއްގައެވެ. އެގޮތުން އޭނާ ވިދާޅުވީ، ޗައިނާގެ ސިފައިން މަސައްކަތް ކުރީ އިންޑިއާގެ ސަރަޙައްދަށް ވަންނަން ކަމަށާއި، އެކަމުގެ ސަބަބުން އިންޑިއާ ސިފައިން އެ ސަރަހައްދު ދިފާއުކުރަން އުޅުމުގެ ތެރޭގައި ދެބައިގެ މީހުންގެ ދެމެދުގައި ކުރިމަތިލުން ހިނގާފައިވާ ކަމަށެވެ.

ހަމައެހެންމެ، މި ހަމަނުޖެހުމާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެން ދާނެ ކަމަށް ގޯތަމް ވިދާޅުވިއެވެ. “ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް (އެލްއޭސީ) އޮންނަ ތަނާ ބެހޭގޮތުން ދެ ގައުމުގެ ސިފައިންނަށް އެއްގަލަކަށް ނޭރޭ. އެކަމަކު ޗައިނާ ސިފައިން އަންގާރަ ދުވަހު ފާޅުގައި މަސައްކަތް ކުރީ އެލްއޭސީ އޮންނަނީ މިވެނި ތަނެއްގައި ކަމަށްބުނެ އިންޑިއާގެ ސަރަހައްދަށް ވަދެގަންނަން”، ހާދިސާ ހިނގައިދިޔަ ގޮތް ގޯތަމް ސިފަކުރެއްވިއެވެ.

އަންގާރަ ދުވަހުގެ ކުރިމަތިލުގައި އެއްވެސް ބަޔަކު ބަޑީގެ ހަމަލާތައް ބަދަލުކޮށްފައެއް ނުވެއެވެ. ނަމަވެސް ދެ ފަރާތުން ވެސް ވަނީ ގަލާއި ލޮންސި ފަދަ ތަކެތި ބޭނުންކޮށްގެން އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާދީފައެވެ.

މި ކުރިމަތިލުމަކީ ދެ ގައުމު ގުޅޭ ލަދަކް އޭރިއާގައި ވޭތުވެދިޔަ 45 އަހަރު ދުވަހު ތެރޭ ހިނގި ފުރަތަމަ ކުރިމަތިލުމެވެ. އަންގާރަ ދުވަހުގެ ކުރިމަތިލުމާ ގުޅޭ ގޮތުން އިންޑިޔާ ސިފައިން ފުރަތަމަ ބުނީ ތިން މީހުން މަރުވި ކަމަށެވެ. ފަހުން ބުނީ ޑިއުޓީގައި ތިބި 17 ސިފައިން ޒަޚަމްވި ކަމަށެވެ. އަދި އޭގެ ފަހުން ވަނީ 20 ސިފައިން މަރުވި ކަމަށް ބުނެފައެވެ.

ލަދަކުގެ ގަލްވާން ވެލީ އަށް ޗައިނާ އިން އެތައް ހާސް ސިފައިންނެއް ފޮނުވަމުންދާ ކަމަށް އިންޑިއާ އިން ތުހުމަތު ކުރެއެވެ. އަދި އިންޑިއާގެ ބިމުން ޗައިނާ އިން ވަނީ 38،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ވެރިކޮށްލާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ. ބޯޑަރުގެ ހަމަނުޖެހުމުގެ މައްސަލަ ހައްލު ކުރެވޭތޯ ދެ ގައުމުން މަޝްވަރާ ކުރާތާ ތިރީހަކަށް އަހަރު ވެއްޖެއެވެ.

ދެ ގައުމުން މިހާތަނަށް ކޮށްފައި ވަނީ އެންމެ ހަނގުރާމައެކެވެ. ނަވާރަ ސަތޭކަ ފަސްދޮޅަސް ދެ ވަނަ އަހަރުގެ އެ ހަނގުރާމައިން ބަލިވެފައި ވަނީ އިންޑިއާއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!