ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި އިދިކޮޅުން އިހުތިޖާޖުތައް ފަށަނީ

ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިހުތިޖާޖުތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ބުނެފިއެވެ.

އިދިކޮޅުން މިކަން ހާމަކޮށްފައިވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ އަތޮޅުތަކުގެ ބައްދަލުވުން ފެށުމުގެ ގޮތުން މިރޭ ބޭއްވި ބައްދަލުވުމުގައެވެ.

އެގޮތުން އެ ބައްދަލުވުމުގައި އިދިކޮޅު ލީޑަޝިޕުން ވަނީ އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދީފައެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިހުތިޖާޖުތައް ފެށުމަށް، މި މަހުގެ 14 ވަނަ ދުވަހު އިދިކޮޅުން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަތޮޅުތަކުގެ ފުރަތަމަ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ހއ.އަތޮޅުގެ ރަށްރަށުގައި ޕީޕީއެމް/ޕީއެންސީގައި އިސްކޮށް ހަރަކާތްތެރިވާ މަންދޫބުންނާ އެކުގައެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ މި ބައްދަލުވުމުގައި ކޯލިޝަންގެ މަސައްކަތް ކުރިއަށް ގެންދިޔުމާއި، ސިޔާސީ ހަރަކާތްތައް އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުންނާއި ، ލޯކަލް ކައުންސިލް އިންތިހާބާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!