ގާނޫނީ ވަކީލު ޝުނާނާއަށް އިންޒާރުދިން ފަރާތްތަކަށް ރައްދު ދީފި

އެމްޑީޕީގެ ހަރަކާތްތަކުގައި ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތްކުރާ އިބްރާހީމް ޖައުފަރަށް ސޯޝަލް މީޑިއާގައި ތަފާތު ފުރައްސާރަތައް ކުރިމަތިވަމުންދާ މިދަނޑިވަޅުގައި އޭނާގެ ދަރިފުޅު އަދި ގާނޫނީ ވަކީލު، މަރިޔަމް ޝުނާނާއަށް ވެސް ތަފާތު އިންޒާރުތައް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ޝުނާނާ ކުރި ޓްވީޓެއްގައި ވިދާޅުވީ އޭނާ މިހާތަނަށް މަސައްކަތްކޮށްފައިވަނީ އެއްވެސް ސިޔާސީ ޕާޓީއަކަށް ބެލުމެއް ނެތި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ކަމަށާއި ، ކުރިއަށް އޮތްތަނުގައި ވެސް އެގޮތުގައި ދެމި ހުންނާނެ ކަމަށެވެ. ނަމަވެސް މިދިޔަ ތިން ވަރަކަށް ދުވަހު، އޭނާއަށް ބުލީކުރުމާއި ރޭޕްގެ އިންޒާރުތަކެއް ވެސް ދީފައިވާ ކަމަށާއި އަދި އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ވެސް ހެކްކުރަން މަސައްކަތްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. 

ޝުނާނާއަށް އެ ފާޑުކިޔުންތަކާއި ކުރިމަތިވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ދެކަނބަލުންނަށް އޭނާގެ ބައްޕަ ބަހުގެ ހަމަލާތަކެއް ދިން ކަމަށް ބުނެ އެވެ.އަދި އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ދަނީކުރީގެ ވީޑިއޯތައް ހިއްސާކޮށް އޭނާގެ ބައްޕައަށް ވެސް ބަހުގެ ހަމަލާތައް ދެމުންނެވެ. 

އެކަމާއި ގުޅިގެން ޝުނާނާ އިތުރަށް ވިދާޅުވީ އޭނާގެ ބައްޕަ ހައްޔަރުކޮށް މީގެ ކުރިން ދީފައިވާ އަނިޔާތަކުގެ ސަބަބުން ބައްޕައަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ތަފާތު އެކި މައްސަލަތައް ދިމާވެފައިވާ ކަމަށެވެ. 

މިހާތަނަށް އެ އާއިލާއަށް އިންސާފު ލިބިފައިނުވާކަން ފާހަގަކުރައްވަމުން ޝުނާނާ ވިދާޅުވީ، ސިޔާސީ މަންފާއަށްޓަކައި ސޯޝަލް މީޑިއާއަށް ވީޑިއޯތައް ހިއްސާކޮށް ބައެއް މީހުން އޭނާގެ ބައްޕަ، ގަސްތުގައި ރުޅިއަރުވާ ކަމަށެވެ. އަދި ބައްޕަގެ ހުރި އުނި ސިފަތަކަށް މަލާމާތްކުރަމުން އަންނަ ކަމަށެވެ. 

ޝުނާނާ އެފަދަ މޭރުމަކުން ޓްވީޓް ކުރެއްވިއިރު ޖައުފަރަކީ ނަފްސާނީ އަދި ޖިސްމާނީ ބަލި ހުންނަ މީހެއް ކަން އެނގިވަޑައިގަތުމާއެކު އެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ޑރ. ވަހީދު ވެސް ވަނީ ވިދާޅުވެފަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!