ރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރު ބަލަން އެމްއެންޔޫއިން ދިރާސާއެއް ކުރަނީ

ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ މިންވަރު ދެނެގަތުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ދިރާސާއެއް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޔޫގެ ރިސާޗު ސެންޓަރުގެ ޑރ. ރަހީމާ އަބްދުއްރަހީމް ވިދާޅުވީ މިވަގުތު ކުރެވެމުންދާ އެންމެ މުހިއްމު ދިރާސާއަކީ ލޮކްޑައުންއަށް މި ގެނެވިފައިވާ ބަދަލުތަކާއެކު ބަލި ފެތުރެމުންދާ މިންވަރު ބެލުން ކަމަށެވެ. 

އެ މަަސައްކަތް ކުރުމަށް ނަގާފައި ވަނީ ހައި ރިސްކް ގްރޫޕްތަކާއި ބަލި ފަސޭހައިން އަރާނެ ގްރޫޕްތަކެއް ކަމަށާއި އޭގެ ތެރޭގައި ފްރޮންޓްލައިނުގައި މަސައްކަތް ކުރާ ފަރާތްތައް ހިމެނޭކަން ޑރ. ރަހީމާ ފާހަގަކުރެއްވި އެވެ.

ޑރ. ރަހީމާ އިތުރަށް ވިދާޅުވީ ކޮވިޑް-19 ގެ ކަންކަން ފެށުނު ހިސާބުން ފެށިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ދިރާސާތަކަކާއި މޮޑެލިންގެ ދިރާސާތަކެއް ކުރަން ފެށި ކަމަށެވެ. 

ޑރ. ރަހީމާ ވިދާޅުވި ގޮތުގައި އެ ސެންޓަރުން މިހާރު އަންނަނީ ކޮވިޑް-19 އާ ގުޅިގެން ސޯޝިއޯ އިކޮނޮމިކް ހެލްތަށް އަންނަ ބަދަލުތަކާއި މެންޓަލް ހެލްތަށް ކުރާ އަސަރުތައް ދެނެގަތުމަށް ދިރާސާ ހަދަމުންނެވެ. 

އަދި ރައްޔިތުންގެ މަޖިލީހުން ހަވާލުކޮށްގެން، ރާއްޖޭގެ ފަތުރުވެރިކަމަށް ކޮވިޑް-19 އާ ގުޅިގެން ލިބޭ ގެއްލުންތައްތަކަކީ ކޮބާތޯ ބަލައި އެކަން ފޫބައްދަން ކުރެވޭނެ ކަންކަމުގެ މައްޗަށް ވެސް ދިރާސާއެއް ހަދަމުން އަންނަ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!