ނަފްސާނީ ގޮތުން ދުޅަހެޔޮ މީހުން މި 13 ކަމެއް ނުކުރާނެ

ނަފްސާނީ ގޮތުން ދުޅަހެޔޮ މީހުން ކިބާގައި ރަނގަޅު އާދަތައް ހުރެއެވެ. އެމީހުންގެ އިޙްސާސްތަކާއި އުޅުމާއި ގުޅުން ދިރިއުޅުމުގައި ކާމިޔާބު ހޯދުމަށް އަމާޒު ކުރެއެވެ. ނަފްސާނީ ގޮތުން ވަރުގަދަ މީހުން ނުކުރާ ކަންތައްތަކެއްވެސް ހުރެެއެވެ. އޭގެ ތެރެއިން މިކަންކަމަކީ މަޝްހޫރު ސައިކޮލޮޖިސްޓެއް އޭނާގެ އަމިއްލަ ނަފްސަށް ހަނދާނެއް ގޮތުގައި ނޯޓު ކުރި 13 ކަމެކެވެ.

1. އަމިއްލަ ނަފްސަށް ހަމްދަރުދީ ވުމުގައި ވަގުތު ބޭކާރުކޮށް ނުލާނެ!

ނަފްސާނީ ގޮތުން ދުޅަހެޔޮ މީހުންނެއް, އެމީހާގެ ވަގުތުތައް އަމިއްލަ ނަފްސާއި މެދު ހަމްދަރުދީ ވުމުގައި ނުވަތަ އެހެން މީހަކު ތިމާއާއި މެދު ކަންކުރި ގޮތާއި މެދު ހިތްދަތިވެގެން އެދުމަތި ވެފައި ނުތިބޭނެއެވެ. ދިރިއުޅުމުގައި އެމީހުންގެ އަދާކުރާއި ދައުރާއި ގުޅޭގޮތުން ނަގަންޖެހޭ ޒިންމާ އެމީހުން ނަގައެވެ. އަދި ދިރިއުޅުމަކީ ފަސޭހަ އަދި އިންސާފުވެރި އެއްޗެއް ނޫންކަން އެމީހުން ދަނެއެވެ.

2. އެމީހުންގެ ބާރެއް އެމީހުން ދޫކޮށް ނުލާނެ

ނަފްސާނީ ގޮތުން ދުޅަހެޔޮ މީހާއަކީ އެމީހާގެ ކޮންޓްރޯލް އެހެން މީހަކަށް ދޫކޮށްގެން ހުންނަ މީހެއް ނޫނެވެ. ”ބޮސް މިއަދު އޮފީހުގައި ބުނި އެއްޗަކުން މިއިނީ މިއަދު ކަޑަވެފައޭ” ކިޔާފައެއް ނުތިބޭނެއެވެ. އެމީހުންނަކީ އެމީހުންގެ އިހްސާސްތަކުގެ މައްޗަށް ބާރު ފޯރުވޭ މީހުންނެވެ. އަދި ދިމާވާ ކަންކަމާއި މެދު އިހްސާސްތައް ބަހައްޓަންވީ ގޮތް ކަނޑައެޅުމުގެ އިހްތިޔާރު އެމީހުން ނަގައެވެ.

3. ބަދަލަށް ބިރުން ނުފިލާނެ

ނަފްސާނީ ގޮތުން ދުޅަހެޔޮ މީހުން ބަދަލަށް ބިރުން ނުފިލާނެއެވެ. އެމީހުންނަކީ ހެޔޮ ބަދަލަށް މަރުހަބާ ކިޔާ, އަދި އެއްގޮތަށް ވުރެ ގިނަ ގޮތްގޮތް ކަންކަމުގައި ހުރިކަން ދަނެ އެ ގޮތްތަކަށް އިޖާބަ ދިނުމަށްޓަކައި ހަރުކަށިކަން ދޫކޮށްގެން ތިބޭ ބައެކެވެ. ބަދަލަކީ ނައިސް ނުދާނެ އެއްޗެއް ކަން އެމީހުން ގަބޫލު ކުރެއެވެ. އެހެންކަމުން ބަދަލަށް ހޭނުމަށް އެމީހުން ތިބެނީ ތައްޔާރަށެވެ.

4. އެމީހުންނަށް ބާރު ނުފޯރުވޭ ކަންކަމުގައި ހަކަތަ ބޭކާރު ކޮށް ނުލާނެ

ނަފްސާނީ ގޮތުން ދުޅަހެޔޮ މީހެއް ގެއްލުނު ލަގޭޖާއި މެދު އަހަރެއް ފަހުން ވާހަކަ ދައްކައެއް ނަހަދާނެއެވެ. ނޫނީ ޓްރެފިކް ޖެހިގެން އިންނަން ޖެހިގެން ލޭ މައްޗަށް ގޮސް ރުޅިގަދަ އެއް ނުވާނެއެވެ. އެމީހުންގެ ސަމާލުކަން އަމާޒުވާނީ އެމީހުންނަށް ބަދަލު ގެނެވޭ ކޮންޓްރޯލް ކުރެވޭ ކަންކަމުގެ މައްޗަށްށެވެ. ބައެއްފަހަރު ހަމަ އެކަނި ބަދަލު ކުރެވެން އޮތް އެއްޗަކީ އެމީހާ ކަންކަމާއި މެދު ދެކޭ ގޮތް ނުވަތަ އަމިއްލަ އެޓިޓިއުޑް ކަމަށްވެސް ވެދާނެއެވެ.

5. އެންމެން ރުއްސާކަން ނޫޅޭނެ

ހުރިހާ އިރެއްގައި އެންމެން ރުއްސައިގެން ނޫޅެވޭނޭކަން ނަފްސާނީ ގޮތުން ދުޅަހެޔޮ މީހުންނަށް ދަނެއެވެ. ނޫނެކޭ ބުނަން ޖެހޭ ހާލަތްތަކުގައި ނޫނެކޭ ބުނަން ކެރެއެވެ. އަދި އަމިއްލަ ދިފާއުގައި ތެދުވަންޖެހޭ ހާލަތްތަކުގައި ހަށިފޮޅާލައެވެ. އެމީހުން އޯގާތެރިކަމާއި ހަމަހަމަ ކަން އިސްކުރެއެވެ. ނަމަވެސް އަނެކާ ދެރަވެދާނެކަމަށް ކުރަންޖެހޭ މުހިންމުކަންކަމުން ބަރީޢަވެގެންނެއް ނުތިބޭނެއެވެ.

6. އެމީހުންނަކީ ރިސްކު ނަގަން ކެރޭ ބައެއް

އެމީހުންނަކީ ތާކުންތާކު ނުޖެހޭ ގޮތަށް ރިސްކު ނަގާ ބައެއް ނޫނެވެ. އެމީހުން ނަގަނީ “ކަލްކިއުލޭޓެޑް” ނުވަތަ އަންދާޒާ ކުރެވިގެން ނަގާ ރިސްކުތަކެވެ. އެމީހުން ނަގާ ރިސްކާއި މެދު ރަނގަޅަށް ފިކުރުކޮށް އެއިން ނުކުންނާނެ ނަތީޖާތައް އަންދާޒާކޮށް ހިސާބު ޖަހައެވެ. އެހެންކަމުން ރިސްކު ނަގާއިރު އެއިން ލިބިދާނެ ގެއްލުން ކުރިއާލައި ސާފުކޮށް އެނގެއެވެ.

7. މާޒީއާއި މެދު ކަންބޮޑެއް ނުވާނެ

ނަފްސާނީ ގޮތުން ދުޅަހެޔޮ މީހުން މާޒީއާއި މެދު ކަންބޮޑުވެގެންނެއް ނޫޅޭނެއެވެ. މާޒީގައި ވަކި ކަމެއް މިވެނި ގޮތަކަށް ކުރެވުނު ނަމައޭ ހިތަކަށް ނާރާނެއެވެ. މާޒީ އޮތްކަން ދަނެގަނެ އެއިން އިބްރަތް ހާސިލްކޮށްގެން އެމީހުން ހިނގާނީ ކުރިއަށެވެ. މާޒީގެ ހިނގާފައިވާ ހިތްދަތި ކަންކަމަށް އަލުން ގޮސް, އެކަންކަން ދިރުވައި ނަހަދާނެއެވެ.

8. އެއް ގޯހެއް ތަކުރާރެއް ނުކުރާނެ

ނަފްސާނީ ގޮތުން ދުޅަހެޔޮ މީހުން އެއްފަހަރު އެޅުނު ޅައެތި ދެވަނަ ފަހަރަކަށް ނާޅާނެއެވެ. އަމިއްލަ އުޅުމާއި ގުޅުމާއި މެދު އެމީހުން ޒިންމާ ނަގައެވެ. އަދި ދެވަނަ ފަހަރަށް އެކަމެއް ކުރާއިރު ކުރިން ހެދުނު ގޯސް ތަކުރާރު ވިޔަ ނުދޭނެއެވެ. އަދި ކުރިއަށް ވުރެ ރަނގަޅަށް އެމީހުން ދެވަނަ ފަހަރު އެކަން ކުރެއެވެ.

9. އެހެންމީހުންގެ ކާމިޔާބީއަށް ކަޅި ނާޅާނެ

ނަފްސާނީ ގޮތުން ދުޅަހެޔޮ މީހުން އެހެން މީހުންގެ ކާމިޔާބީއަށް ކަޅި ނާޅާނެއެވެ. އެމީހުންނަށް އެހެން މީހުންގެ ކާމިޔާބީ ފާހަގަކުރުމުގެ ގާބިލުކަން ހުރެއެވެ. ތިމާއަށް ވުރެ ކުރި ހޯދައިފިކަން ގަބޫލު ކޮށް, އަދި އެ ކުރިއެރުން ހޯދީ ބުރަ މަސައްކަތުން ކަން ދަނެއެވެ. އަނެކާ ކުރިއެރީ މަކަރާއި ހީލަތުންކަމަށް ނިންމައި ހަސަދަވެރިއެއް ނުވާނެއެވެ. އަދި އަމިއްލަ މީހާގެ ކުރިއެރުމަށް އިހުނަށްވުރެ ބާރަށް މަސައްކަތް ކުރެއެވެ.

10. ނާކާމިޔާބީގައި ހުއްޓައެއް ނުލާނެ

ނަފްސާނީ ގޮތުން ދުޅަހެޔޮ މީހުން ނާކާމިޔާބީ ގައި ކުރަން އުޅުނު ކަންތައްތައް ހުއްޓާލާފައި ގެއަށް ވަދެ ނޯވެއެވެ. ނާކާމިޔާބީއިން, ކުރިއެރުމަށް އިތުރު ދޮރެއް އެމީހުން ހުޅުވައެވެ. ރަނގަޅަށް އެކަން ކާމިޔާބު ވަންދެން އެފަދަ މީހުން މަސައްކަތުގައި ދެމިތިބެއެވެ.

11. އެކަނި ވެދާނެތީ ބިރެއް ނުގަންނާނެ

ނަފްސާނީ ގޮތުން ދުޅަހެޔޮ މީހުންނަށް އެކަނި އުޅުމުގެ ކެއްތެރިކަން ލިބިގެންވެއެވެ. އަދި ހިމޭން ކަމާއި އެކަނިވެރިކަން ދެކެ އެމީހުން ބިރެއް ނުގަނެއެވެ. އެމީހުން އަމިއްލަ ހިޔާލުތަކުގެ ތެރޭގައި އެކަނި އުޅުމަކަށް އެމީހުން ބިރެއް ނުގަނެއެވެ. އެވަގުތަކީ އެމީހުންގެ ކަންތައްތައް އިތުރަށް ފުރިހަމަ ކޮށް, ތަރުތީބު ކޮށްލުމަށް ލިބޭ ފުރުސަތެއް ކަމަށް ހަދައެވެ.

ހިތްހަމަ ޖެހުމާއި އެކު އުފަލުގައި އެކަނި އުޅެން އެމީހުން ދަނެއެވެ. އެހެން މީހުންގެ ފަރާތުން އެކަނިވެރިކަން ފިލުވުމަށް ބަރޯސާވެގެންނެއް ނޫޅޭނެއެވެ.

12. ދުނިޔެ އެމީހުންނަށް ދަރަނިވެރިވެފައި ވާކަމަކަށް އެމީހުން ނުދެކޭ

ނަފްސާނީ ގޮތުން ދުޅަހެޔޮ މީހުން އެމީހުންނަށް ދުނިޔެ, ގައުމު ދަރަނިވެރިވެފައި ވާކަމަށް ގަބޫލު ނުކުރެއެވެ. އެމީހުންނަށް ތަބަކަކަށް ލާފައި މުއްސަނދިކަމާއި އިއްޒަތާއި ގަދަރާއި, އަދި ކާމިޔާބު ދޭންޖެހޭ ކަމަކަަށް އެމީހުންނެއް ނުދެކެއެވެ. އަދި އެހެންމީހަކު އެމީހުން ބަލަން ޖެހޭ ކަމަކަށްވެސް އެމީހުންނެއް ނުދެކެއެވެ.

13. އެންމެ ހިނދުކޮޅަކުން ނަތީޖާ ހާސިލް ކުރެވޭނޭ ކަމަކަށް ނުދެކޭނެ!

ވިޔަފާރިއެއް ކުރިއަސް އަމިއްލަ ސިއްޚީ ހާލަތު ބަދަލު ކުރިއަސް އެމީހުންނެއް އޭގެ ނަތީޖާ ވަގުތުން ހާސިލް ވާނޭ ކަމަށް ނުދެކޭނެއެވެ. އޭގެ ބަދަލުގައި އެމީހުންނަށް ލިބިފައިވާ ހުނަރަކާއި ގާބިލުކަމެއް އެމަސައްކަތަށް ބޭނުންކޮށް, ވަގުތު އެކަމަށް ހޭދަކޮށް, ނަތީޖާއެއް ނުކުންނަށްދެން މަސައްކަތުގައި ދެމިތިބެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!