ކޮވިޑް-19 އާއި ގުޅިގެން އައްޑޫގައި އަޅާފައިވާ ފިޔަވަޅުތައް ބާޠިލް ކޮށްފި

ކޮވިޑް-19 އާއި ގުޅިގެން އައްޑޫސިޓީގައި، އަޅާފައިވާ ޚާއްޞަ ފިޔަވަޅުތައް ބާޠިލް ކޮށްފި ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫސިޓީ ކައުންސިލުން މިކަމާއި ގުޅިގެން ކުރި އިޢުލާނުގައި ބުނެފައިވަނީ، ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އަޅާފައިވާ ފިޔަވަޅުތައް ބާޠިލު ކުރުމާއެކު، އައްޑޫގައި އަޅާފައިވާ ޚާއްޞަ ފިޔަވަޅުތައް ވެސް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

ކޯވިޑާ ގުޅިގެން އައްޑޫގައި އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް މަޑުމަޑުން ލުއިތަކެއް ދެމުން ގޮސް ނިމުމަކަށް ގެނައި ނަމަވެސް، އާންމު ތަންތަނުގައި މާސްކު އެޅުމާއި، ގިނަ ގިނައިން އަތް ދޮވުމަށް ސިޓީ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ. ކޮވިޑް-19 އާއި ގުޅިގެން އައްޑޫގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ޟަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއް ރަށަށް ނުދިއުމާއި، ވިޔަފާރި ގަޑިތަކަށް ގެނައި ބަދަލުގެ އިތުރުން އާންމުން އެއްވެ އުޅޭ ސަރަހައްދުތަކަށް އެއްވެ އުޅުން މަނާ ކުރުން ހިމެނެއެވެ.

އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤް ވިދާޅުވީ، ލުއި ދިނުމުގެ ގޮތުން ހުޅުވާލި ތަން ތަން ހުޅުވާލީ އައު އާންމު ޙާލަތުގައި ޢަމަލު ކުރާނެ ގައިޑްލައިން ތަކެއް ހެދުމަށް ފަހު ކަމަށެވެ. އަދި މިގައިޑްލައިން ތަކަށް ބައެއް ފަރާތްތަކުން އެންމެ ފުރިހަމައަށް އަމަލު ނުކުރާ ކަން ފާހަގަ ކުރެވޭ ކަމަށާއި، ހެދިފައިވާ އުޞުލުތަކަށް އިޙުތިރާމް ކުރުމަށް ސަމާލު ވުމަށް މޭޔަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!