4 މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލަތަކެއް ބަލަނީ

ސިވިލް ކޯޓުގެ އިސްގާޒީ އަލްއުސްތާޛު ޢަބްދުﷲ އަލީއާއި އިތުރު 3 މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުޤީޤު ކުރަން ނިންމައިފިއެވެ.

ޖޭއެސްސީން ބަލަން ނިންމީ، ގއ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޝަރުއީ ދާއިރަގެ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކުރަފަދަ އާއިލީ ގުޅުން އޮންނަ ފަރާތެއް އެކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސާގެ މަގާމަށް ހަމަޖެއްސުމުގައި އިހުމާލުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ.

ސިވިލް ކޯޓުގެ އިސްގާޒީއާ ގުޅޭގޮތުން ޖޭއެސްސީން ބަލަން ނިންމީ، ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ދައުވާކުރާ ފަރާތުގެ ބަދަލުގައި ކޯޓަށް ހާޒިރުވުމަށް އައްޔަންކޮށްފައިވާ ފަރާތް ކޯޓަށް ހާޒިރުނުކޮށް މައްސަލަ ބާތިލުކޮށްފައިވާ ކަމަށް ބުނާ މައްސަލައެވެ.

ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓާ ބެހޭގޮތުން ޖޭއެސްސީން ބަލަނީ، ކޯޓުގައި ހިނގާ މައްސަލަތަކުގައި ޝަމިލުވާ އެކި ފަރާތްތަކާއެކު ފަނޑިޔާރަކު ބާއްވައިގެން ނުވާނެ ގުޅުން ބާއްވާކަމުގެ ތުހުމަތާއި ފުލުހުން ހިންގި ތަހުގީގަކަށް ހުރަސްއަޅައި ހެކި ނައްތާލަން މަސައްކަތްކޮށް ފަނޑިޔާރެއްގެ އަމަލުތައް ބަހައްޓައިގެން ނުވާނެ ފަދަ ގޮތަކަށް ބެހެއްޓި ކަމަށް ބުނާ މައްސަލައެވެ. އަދި ޖިންސީ ގޯނާގެ މައްސަލައެއްގައި އެހެން މެޖިސްޓްރޭޓަކު ބަންދުގެ މުއްދަތު ޖަހާފައި ވަނިކޮށް އެ ބަންދު އަމުރު މުރާޖައާކޮށް ގޮތް ނިންމި ކަމަށް ބުނާ މައްސަލައަކާއި އޭނާގެ އާއިލީ ވިޔަފާރީގައި އަމަލީ ގޮތުން ބައިވެރިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.

ޖޭއެސްސީން ބުނީ، މި މައްސަލަތައް ތަޙުޤީޤު ކުރާނެ ކޮމިޓީތައް ބުދަ ދުވަހު ބޭއްވުނު ކޮމިޝަނުގެ މި އަހަރުގެ 42 ވަނަ ބައްދަލުވުމުގައި ކޮމިޝަނުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި މި ބައްދަލުވުމުގައި ކޮމިޝަންގެ 7 މެމްބަރުންވެސް ބައިވެވަޑައިގެންނެވި ކަމަށް ޖޭއެސްސީން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!