ކޯވިޑް-19ގެ ހާލަތުގެ ސަބަބުން 91000 ދަރިވަރުންނަށް ސީދާގޮތުން ވަނީ ނޭދެވޭ އަސަރުކޮށްފައި: މިނިސްޓްރީ

ކޯވިޑް-19ގެ ހާލަތުގެ ސަބަބުން 91،000 ދަރިވަރުންނަށް ސީދާގޮތުން އަސަރުކޮށްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ހާމަކުރައްވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ދާދިފަހުން ވަނީ ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައި މިހާރު އޮތް އައު ޢާންމު ހާލަތުގައި ސްކޫލްތައް ހުޅުވުމަށްޓަކައި، އެޑިޔުކޭޝަން ރެސްޕޯންސް ޕްލޭން (އީ.އާރު.ޕީ)އެއް ހަދައި އެއަށް ޢަމަލުކުރަން ފަށާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީއާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ތައްޔާރުކުރި މި ޕްލޭން ރާވާލާފައިވަނީ މައިގަނޑު 5 ދާއިރާއެއްގެ މައްޗަށެވެ. މިގޮތުން ކަނޑައެޅި ދާއިރާތަކަކީ ސްކޫލް މާހައުލުގެ ސަލާމަތްތެރިކަން، އުގަންނާދިނުމުގެ ކަންކަން ނުހުއްޓި ކުރިއަށް ދިއުމާއި، މުޖްތަމައުގައި ތަފާތު ސަބަބުތަކާހުރެ ހަވާސާވެފައިވާ ކުދިނަށް އެހީތެރިވުމާއި ރައްކާތެރިކަމާއި ދުޅަހެޔޮކަން އަދި ނުރައްކަލާއިކުރިމަތިލުމުގެ ޤާބިލްކަން އިތުރުކުރުމާއި ތަފާތު ދާއިރާތަކާއި އެކުގައި ކުރާ މަސައްކަތް ހަރުދަނާ ކުރުމެވެ.

ތަޢުލީމީ ދާއިރާގެ ރެސްޕޯންސް ޕްލޭންގައި ކަނޑައެޅިފައިވާ ދާއިރަތައް ތަންފީޒުކުރާނީ 3 މަރުޙަލާއަކަށް ބަހާލެވިގެންނެވެ. މިގޮތުން ސްކޫލްތައް ހުޅުވުމުގެ ކުރިން މިފަސްދާއިރާގައި ހިމެނޭ ކަންކަން ބަލާނެއެވެ.

2ވަނަ މަރުހަލާއަކީ ސްކޫލްތައް ހުޅުވާ ދުވަސްވަރުގެ ކުރީކޮޅުގައިކަންތައް ކުރިއަށްގެންދާނޭ މަރުހަލާއެވެ. 3ވަނަ މަރުހަލާއަކީ ސްކޫލްތައް ހުޅުވުމަށްފަހު ކުރިއަށް ގެންދާ މަރުހަލާއެވެ.

މިޕްލޭންގައި ހިމަނާފައިވާ ބައިތައް ތަންފިޒުކުވާ މިންވަރާއި ފެންވަރު ބެލުމާއި އަދި ޕްލޭންގައިވާ ކަންކަން ދެމެހެއްޓެވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ކަންކަންވެސް މީގައި ހިމެނިފައިވެއެއެވެ.

ކޯވިޑް-19ގެ ސަބަބުން ސްކޫލްތަކާއި ޓީޗަރުންނާއި ދަރިވަރުންނަށް ދިމާވާނެ ދަތިތަކާއި އުނދަގޫތައް މި ޕްލޭންގައި ތަފްސީލުކޮށްދީފައެވެ. އެގޮތުން މި ހާލަތުގެ ސަބަބުން ޕްރީ ކޭޖީއިން ފެށިގެން ހަޔަރ ސެކަންޑްރީގައި ކިޔަވާ 91000 ދަރިވަރުންނަށް ސީދާގޮތުން އަސަރުކޮށްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.

އެ މިނިސްޓްރީން ވަނީ އެކި ކީސްޓޭޖްތަކާއި ދެޖިންސުގެ ކުދިންނަށް ކޯވިޑް-19ގެ އަސަރުކުރި ގޮތުގެ ތަފްސީލު ހާމަކުރައްވާފައެވެ. އެގޮތުން މިކަމުގެ އަސަރުކޮށްފައިވަނީ އެންމެ ގިނަ ދަރިވަރުން އެންރޯލްކޮށްފައިވާ ކީސްޓޭޖް 1 އަދި 2ގެ ދަރިވަރުންނަށެވެ.

މި ކީސްޓޭޖްގައި އެކަނިވެސް 43 ހާހަށްވުރެ ގިނަ ދަރިވަރުންނަށް ވަނީ އަސަރުކޮށްފައެވެ. ބަލިމަޑުކަމުގެ އަސަރު އެހެން ކީސްޓޭޖްތަކަށް ކޮށްފައިވާގޮތައް ބަލާއިރު، ޕްރީކޭޖީ ސްޓޭޖްގެ %6.1 ޕްރީ ސްކޫލްގެ %16.2، ކީ ސްޓޭޖް 3ގެ %13.8، ކީސްޓޭޖް 4ގެ %11.9، ކީ ސްޓޭޖް 5ގެ %3.8 އަދި ސެން ނުވަތަ އުނގެނުމުގައި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ދަރިވަރުންނަށް %0.1އަށް ވަނީ އަސަރުކޮށްފައެވެ.

މި ޕްލޭންގައި ކޯވިޑް-19ގެ ސަބަބުން ގިނަ ދުވަސްތަކަކަށް ސްކޫލްތައް ބަންދުވުމުގެ ސަބަބުން ދަރިވަރުންނަށް ކުރާނެ އަސަރުތައްވެސް މި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ތަފްސީލްކޮށް ހާމަކުރައްވާފައެވެ. މި ހާލަތުގެ ސަބަބުން ކިޔެވުމުގެ މަތިން ފޫހިވެ ކިޔެވުމާ ދުރަށްދާ ދަރިވަރުންގެ ނިސްބަތް އިތުރުވާނެކަމަށް ވަނީ ބެލެވިފައެވެ.

އެހެންނަމަވެސް މި ފަދަ ދަރިވަރުންނަށް ޚާއްސަ ޕްލޭންތަކަކާއެކު އެޑިއުކޭޝަން މިނިސްޓްރީން ޚާއްސަ ޕްރޮގްރާމްތަކެއް ފެށުމަށް ވަނީ ތައްޔާރުވެފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!