ފޮޓޯ: މިހާރު

3.7 މިލިއަން ޑޮލަރު ދައްކަން ސަންލޭންޑް ހިލްމީގެ މައްޗަށް ހައި ކޯޓުން ހުކުމްކޮށްފި

މަޝްހޫރު ވިޔަފާރިވެރިޔާ އިސްމާއިލް ޝުޖާއު (އޯނަސް ޕްރައިވެޓް ލިމިޓެޑްގެ ޗެއާމަން އިންމަ) އަށް 3.7 މިލިއަން ޑޮލަރު (57 މިލިއަން ރުފިޔާ) ދައްކަން ސަންލެންޑް ހޮޓެލްސްގެ އެއް ހިއްސާދާރު ހުސައިން ހިލްމީ (ސަންލޭންޑް ހިލްމީ) ގެ މައްޗަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

އިންމަގެ ފަރާތުން ހިލްމީ އާއި ކާސްޓްއަވޭ މޯލްޑިވްސްގެ މައްޗަށް ދައުވާކުރީ، އިންމަގެ އަތުން ނެގި ފައިސާތަކެއް އަނބުރާ ދެއްކުމަށްޓަކައި ހިލްމީ ސޮއި ކުރައްވައި، ދޫކުރި ޗެކްތަކެއް ބައުންސްވުމުން އެ ފައިސާ އަނބުރާ ހޯދުމަށެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކޮށްފައި އޮތީ ދައުވާގައި ބަޔާންކުރާ 3.7 މިލިއަން ޑޮލަރު ދައްކަން ޖެހޭ ސާބިތުނުވާ ކަމަށެވެ. އެކަމަކު އަނބުރާ ދައްކަންޖެހޭ ކަން ހިލްމީގެ އިއުތިރާފުން ސާބިތުވާ 7.2 މިލިއަން ރުފިޔާ އަނބުރާ ދައްކަން ޖެހޭނެ ކަމަށް ސިވިލް ކޯޓުގެ ހުކުމްގައި ވެ އެވެ.

އެ މައްސަލަ ހިލްމީގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ ހޯމަ ދުވަހު ކުރި ހުކުމުގައި ވަނީ އިންމަ އަށް ހިލްމީ ސޮއި ކުރައްވައި، ދޫކުރި 3.7 މިލިއަން ޑޮލަރުގެ ޗެކްތައް ބައުންސްވެފައިވާ ކަމަށާއި އެކަން އިންމަގެ ފަރާތުން ހިލްމީ އަށް އަންގާފައިވާ ކަން އެނގޭ ކަމަށެވެ. ގާނޫނީ ޝަރުތުތައް ފުރިހަމަވާ ޗެކެއް އަމިއްލަ އިހްތިޔާރުގައި ދޫކޮށްފި ނަމަ އެއީ އެ ޗެކަށް ފައިސާ ލިބެންޖެހޭ ކަމުގެ ހަރުދަނާ ހެއްކެއް ކަމަށް އެ ހުކުމުގައިވެ އެވެ.

އެހެންވެ، ސިވިލް ކޯޓުގެ އެ ހުކުމް ބާތިލްކޮށް، އިންމަ އަށް 3.7 މިލިއަން ޑޮލަރު އަނބުރާ ދެއްކުމަށްޓަކައި ހަ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދެއްކުމަށް ހިލްމީ އަށް އަންގާ ކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން އިއްތިފާގުން ހުކުމްކުރާ އެ ހުކުމުގައިވެ އެވެ.

އެގޮތަށް ހުކުމް ކުރެއްވީ އެ މައްސަލަ ބެންޗުގައި ތިއްބެވި އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ހާތިފް ހިލްމީގެ އިއްތިފާގުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!