ދިވެހިރާއްޖޭގައި މަސައްކަތްކުރާ އދގެ ހުރިހާ އެޖެންސީއެއްގެ އިސް ފަރާތްތަކާ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން މިހާރު އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭ ގޮތުންނާއި، ކުރިއަށް އެޅުމަށް ރާވަމުންދާ ފިޔަވަޅުތަކާ ގުޅޭ ގޮތުން މިނިސްޓަރ ޝާޙިދު ވަނީ މައުލޫމާތު ދެއްވާފައެވެ. އަދި މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ މުހިއްމު ތަނބުތައްކަމަށްވާ އިންސާނީ ހައްޤުތަކާއި، ޑިމޮކްރަސީ އަދި މޫސުމީ ބަދަލުތަކާ ބެހޭ ގޮތުންވެސް އެޖެންސީތަކާއެކު މިނިސްޓަރ ޝާހިދު މަޝްވަރާކުރެއްވިއެވެ.
އޭގެ އިތުރުން ނޭޝަނަލް ޓާސްކް ފޯސްއިން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ދެއްވައި، މިހާރުވެސް އދގެ ބައެއް އެޖެންސީތަކުން ޓާސްކް ފޯސްގައި މުހިއްމު މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލު ވުމުގައި ރާއްޖޭގައި ހުންނަވާ އދގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ކެތަރިން ހެސްވަލް ވަނީ ސަރުކާރަށް އދގެ ފަރާތުން ބޭނުންވާ އެހީތެރިކަން ފުރިހަމައަށް ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ. އަދި ރާއްޖޭގައި ހަރަކާތްތެރިވާ އދގެ އެޖެންސީތަކުން ވަނީ ކޮވިޑް-19 އާ ގުޅިގެން އެ އެޖެންސީތަކުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު މިނިސްޓަރ ޝާހިދަށް އަރުވައި، ކުރިއަށް އޮތްތަނުގައި ފޯރުކޮށްދޭން ނިންމާފައިވާ އެހީތަކާ ގުޅޭގޮތުންވެސް މައުލޫމާތު އަރުވާފައެވެ.
މި ބައްދަލުވުން ނިންމަވާލައްވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ކޮވިޑް-19 ފެތުރެން ފެށީއްސުރެ އދގެ އެކި އެޖެންސީތަކުން ރާއްޖެއަށް ލިބެމުންދާ އެހީތެރިކަން ފާހަގަކުރައްވާފައެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިނިސްޓަރ ޝާހިދު ބޭއްވެވި މި ބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅޭ ގޮތުން އެޖެންސީތަކާއެކު މަޝްވަރާކުރައްވައި، މިހާލަތުގައި އދ އާއި އދގެ އެކި ގުނަވަންތަކުން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.