ސިޔާސީ ޕާޓީގެ ޤާނޫނާއި ޚިލާފުވެގެން 3 ސިޔާސީ ޕާޓީއެއް ޖޫރިމަނާ!

ސިޔާސީ ޕާޓީގެ ޤާނޫނާއި ޚިލާފުވެގެން ތިން ސިޔާސީ ޕާޓީއެއް ޖޫރިމަނާކޮށްފައިވާކަމަށް އިލެކްޝަން ކޮމިޝަން އޮފް މޯލްޑިވްސް (އީސީ) އިން ބުނެފިއެވެ.

އީސީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނާއި ޚިލާފުވެގެން ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްއާއި، ދިވެހި ރައްޔިތުންގެ ޕާޓީ އަދި މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް އެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްއިން އެ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ގައުމީ ބައްދަލުވުން ބާއްވާފައިނުވާތީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގެ 2 ގެ ދަށުން އެ ޕާޓީ -/50,000 ފަންސާސް ހާސް) ރުފިޔާއިން އެޕާޓީ ޖޫރިމަނާކުރުމަށެވެ. އަދި މި ޖޫރިމަނާ، ސަރުކާރުން އިއުލާނުކޮށްފައިވާ ސިއްއީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލާ ދުވަހުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށާއި އަދި ސަރުކާރުން އިއުލާނުކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމުން ޕާޓީގެ ގައުމީ ބައްދަލުވުން ވީ އެންމެ އަވަހަކަށް ބޭއްވުމަށާއި އަދި ބައްދަލުވުން ބޭއްވުމަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ ސިއްޙީ ކުއްލި ޙާލަތު އިއުލާނުކޮށްފައިވާ ޖުމުލަ ދުވަހުގެ މުއްދަތުކަމުގައި ވެސް ވަނީ އީސީއިން އެ ޕާޓީއަށް ދަންނަވާފައެވެ.

ދިވެހި ރައްޔިތުންގެ ޕާޓީއިން ތަކުރާރުކޮށް ސިޔާސީ ޕާޓީގެ ޤާނޫނާއި އެ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފުވެ، އެ ޕާޓީ 2016 އަދި 2019 ގައި ކޮށްފައިވާ ޖޫރިމަނާތަކުގެ ފައިސާ ދައްކާފައިނުވާތީ، ދެ ފަހަރެއްގެ މަތިން މި ފައިސާ ކޮމިޝަނަށް ދެއްކުމަށް އެ ޕާޓީއަށް އެންގުނު ނަމަވެސް މިހާތަނައް އެ ފައިސާ ދައްކާފައި ނުވާތީއާއި، ސިޔާސީ ޕާޓީގެ ޤާނޫނާއި އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް 2018 އަދި 2019 ވަނަ އެ ޕާޓީގެ އަހަރީ ރިޕޯޓާއި އޯޑިޓް ރިޕޯޓްވެސް ކޮމިޝަނަށް ހުށަހަޅާފައިނުވާތީއާއި، އަދި ޕާޓީގެ އަސާސީ ގަވާއިދުގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އެ ޕާޓީގެ ގައުމީ ޖަލްސާ ބާއްވާފައިނުވާތީ، މިކަންކަން އިސްލާޙު ކުރުމަށް އެ ޕާޓީއަށް އެކޮމިޝަނުން ވަނީ އަންގާފައެވެ.

މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް އިން ސިޔާސީ ޕާޓީގެ ޤާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން އެ ޕާޓީގެ ގައުމީ ބައްދަލުވުން ބާއްވާފައިނުވާތީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގެ 2 ގެ ދަށުން އެ ޕާޓީ -/30,000 (ތިރީސް ހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނިންމައި މި ޖޫރިމަނާ، ސަރުކާރުން އިއުލާނުކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލާ ދުވަހުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށާއި އަދި ސަރުކާރުން އިއުލާނުކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމުން ޕާޓީގެ ގައުމީ ބައްދަލުވުން ވީ އެންމެ އަވަހަކަށް ބޭއްވުމަށާއި އަދި ބައްދަލުވުން ބޭއްވުމަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ ސިއްޙީ ކުއްލި ޙާލަތު އިއުލާނުކޮށްފައިވާ ޖުމުލަ ދުވަހުގެ މުއްދަތުކަމުގައި ވެސް ވަނީ އެޕާޓީއަށް ދަންނަވާފައިކަމަށް އީސީއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!