އެމްޑަބްލިޔުއެސްސީގެ ފެން ޕްލާންޓުތަކުގައި 2014 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް، ހިނގި ހަރަދަށްވުރެ އިތުރަށް 12.75 މިލިއަން ރުފިޔާ އެއް ކުންފުންޏަށް ދީފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފި އެވެ.
އެ ހާދިސާއާ ގުޅިގެން އުފެއްދި މާލޭ ވޯޓާ ކްރައިސިސް މެނޭޖުމަންޓު ފަންޑުގެ ހާއްސަ އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ، އެ ފަންޑަށް ރާއްޖެއާއި ރާއްޖޭން ބޭރުގެ ކުންފުނިތަކުންނާއި، އަމިއްލަ ފަރުދުންގެ އިތުރުން، ރަހުމަތްތެރި ގައުމުތަކުން އެހީގެ ގޮތުގައި ޖުމްލަ 52.52 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
އަދި އޭގެ އިތުރުން، ރާއްޖޭގެ ކުންފުންޏަކުން، އެއް އަހަރުގެ މުއްދަތަށް އިންޓްރެސްޓް ފްރީ ލޯނެއްގެ ގޮތުގައި 75 މިލިއަން ރުފިޔާ ދީފައިވާކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ނަމަވެސް، ލިބުނު ޖުމްލަ ފައިސާގެ ތެރެއިން، އެ ފަންޑުން ހަރަދުކޮށްފައިވަނީ 10.82 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި، އެއް އަހަރުގެ މުއްދަތު ހަމަވުމަށްފަހު 75 މިލިއަން ރުފިޔާ އަނބުރާ ކުންފުންޏަށް ދިނުމަށްފަހު، ބާކީވި ފައިސާ، ލޯން އެންޑް ކެޕިޓަލް ވާކްސް ފަންޑަށް ޖަމާކޮށްފައިވެ އެވެ.
އެ ފަންޑުން ހަރަދު ކުރުމުގައި، ބައެއް މައްސަލަތައް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން، ފަންޑުން ހަރަދުކުރާނެ ކަންތައްތައް ލިޔެކިޔުމުން ކަނޑައަޅާފައިނުވާއިރު، މާލިއްޔަތު ގާނޫނުގެ ދަށުން އެކަމަށް ޓްރަސްޓު ފަންޑެއްގެ ގޮތުގައި އެކުލަވާލާފައިނުވާކަން އޮޑިޓުގައި ބުނެފައިވެ އެވެ.
ނަމަވެސް، އެމްޑަބްލިޔުއެސްސީއަށް ލިބުނު ގެއްލުމުން އަރައިގަތުމަށްޓަކައި، ހަރަދުކޮށްފައިވަނީ 28.42 މިލިއަން ރުފިޔާ ކަމަށް އޮޑިޓުގައި ވަނީ ފާހަގަކޮށްފަ އެވެ.