ބިދޭސީއަކަށް އަނިޔާ ކުރުމުގައި ބައިވެރިވި 8 ފުލުހުންގެ ޝަރީއަތް އެބަ ހިނގާ: ޕީޖީ

މިދިޔަ އަހަރުގެ ޖޫން މަހު 6 ވަނަ ދުވަހު މ. އުޖާލޭގެއަށް ވަދެ ބިދޭސީއަކަށް އަނިޔާ ކުރުމުގައި ބައިވެރިވި އަށް ފުލުހުންގެ ޝަރީއަތް ހިނގާ ކަމަށާއި އެ އަށް ފުލުހުން ތިބީ އަދިވެސް ވަޒީފާގައިކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލަ ބަލަން ފަށާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ކަމަށެވެ. އަދި އެ އަށް ފުލުހުންގެ މައްސަލަ ކޯޓަށް ފޮނުވާފައިވާ ކަމަށާއި އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. އަދި އެ ހުރިހާ ފުލުހުންވެސް ތިބީ ވަޒީފައިގައިކަން ޝަމީމް ފާހަގަ ކުރައްވާފައިވެއެވެ.

އެ މައްސަލައާއި ގުޅިގެން ފުލުހުން މިއަދު ބުނެފައި ވަނީ 11 ފުލުހެއްގެ މައްޗަށް ޖިނާއީ ތަހްގީގުއް ހިންގައި، ދައުވާކުރުމަށް އެދި މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ޕީޖީއަށް ފޮނުވާފައިވާ ކަމަށާއި އަދި އޭގެ ތެރެއިން 8 ފުލުހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީން ވަނީ ބަލައިގެންފައި ކަމަށެވެ.

ޖޫން 6، 2019 ވަނަ ދުވަހު މ. އުޖާލާގެއިން މީހަކު ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ހިފައިގެން ވަނީ ހަތް ފުލުހެކެވެ. އަދި އެ ފުލުހުން ވަނީ އެމީހާ ގައިގައި އަތުންނާއި ފައިންނާއި ގާ ބުރިން ވެސް ތަޅާފައެވެ. އޭރު އާންމުވި ވީޑިއޯގައި ފެންނަނީ ދެ ފުލުހަކު ވެގެން އެމީހާ ގައިގައި ހިފަހައްޓާފައި ހުރި ތަނެވެ. އަދި އެތަނުން އެހެން ފުލުހަކު އޭނާގެ މޫނުމަތީގައާއި ބޮލުގައި އަތުން ތަޅައެވެ. އަދި އޭނާގެ ފަހަތުގައި ހުރި ފުލުހަކު އަރައިގެން ހުރި ބޫޓުން އޭނާގެ ބުރަކަށީގައި ޖެހި އިރު، އެހެން ފުލުހަކު ވަނީ ގާބުރިއަކުން އޭނާގެ އަތުގައި ޖަހާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!