ރައްޔިތުން މަޖިލިސް އިދާރާގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، މަޖިލިސް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ރައްޔިތުން މަޖިލީހުގެ މީޑިއާ ޑިރެކްޓާ ހަސަން ޒިޔާއު ވިދާޅުވީ މަޖިލީހުގެ މެއިންޓަނަންސް އިދާރާގެ މުވައްޒަފަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮސިޓިވްވި މުވައްޒަފު އެންމެފަހުން އޮފީހަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އެގޮތުން 13 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް އެ މުވައްޒަފާއި ދިމާވި ހުރިހާ މުވައްޒަފުން އިދާރާއަށް އެންގުމަށް ވަނީ އެދިފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިހާރު ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޒިޔާއު ވިދާޅުވި އެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
މުޅި މަޖިލީހުގެ އިދާރާގައި 140ށް ވުރެ ގިނަ ސްޓާފުން މަސައްކަތް ކުރަމުންދެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަމާއި ގުޅިގެން މަޖިލީހުގެ އިދާރާ ވަނީ މިވަގުތު ބަންދުކޮށްފަ އެވެ. އަދި ޑިސްއިންފެކްޓް ކުރުމަށްފަހު ބުރާސްފަތި ދުވަހު ހުޅުވާނެ އެވެ.