ގެއިން ނެރެން ދެ މަހުގެ ނޯޓިސްއެއް ދޭން ލާޒިމްކުރަނީ

ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ މާލީ ދަތިކަމުގެ ސަބަބުން ކުލި ނުދެއްކިގެން ގެއިން ނެރުމުގެ ކުރިން ދެ މަސް ދުވަހުގެ ނޯޓިސް އެބަޔަކަށް ދޭން ލާޒިމުކޮށް ސަންސެޓް ގާނޫނެއް މިއަދު މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދުދީދީ ހުށަހެޅުއްވި ބިލްގައި ވަނީ ބިލަށް އަމަލު ކުރަން ފަށާ އިރު، ދިރިއުޅުމުގެ ބޭނުމަށް ތަނެއް ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް ދިރިއުޅުމަށް ކުއްޔަށް ދޫކޮށްފައިވާ އެއްވެސް ތަނެއްގެ އެއްބަސްވުން ނިމުމަކަށް ގެނެސް، އެތަނެއްގައި ދިރިއުޅޭ ފަރާތްތައް ތަން ދޫކޮށް ދިއުމަށް ތަނުގެ ވެރި ފަރާތަށް އެންގޭނީ އެ ތަނެއްގައި ދިރިއުޅޭ މީހުންނަށް މަދުވެގެން 60 ދުވަހުގެ ނޯޓިހެއް ދިނުމަށް ފަހުގައި ކަމަށެވެ.

އެ ބިލުގައި ވަނީ އެގްރިމެންޓަކާ ނުލައި ކުއްޔަށް ދީފައިވާ ތަންތަނުން ވެސް މީހުން ނެރެވޭނީ ނޯޓިސް ދީގެން ކަމަށެެވެ. އަދި ގެއިން ނެރޭއިރު އިޖުރާތްތަކެއް ފުރިހަމަ ކުރުމަށް ވެސް އެ ބިލުން ލާޒިމްކުރެ އެވެ.

ނޯޓިސް ދޭ މުއްދަތުގެ ތެރޭގައި އެ ގެއަކުން އަސާސީ ހިދުމަތްތައް ކަނޑާލައިގެން ނުވާނެ ކަމަށް ވެސް ބިލުގައި ވަނީ ބުނެފަ އެވެ. ކުއްޔަށް އުޅޭ މީހުންގެ މިނިވަންކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ތަން ކުއްޔަށް ދީފައި ހުންނަ ފަރާތުން ކޮށްގެން ނުވާނެ ކަމަށް ވެސް ބިލުގައި ބުނެ އެވެ. އެކަންކަމާ ހިލާފަށް އަމަލުކުރާ މީހުންނަށް ކަނޑައަޅާފައިވާ އަދަބަކީ 5،000ރ. އިން ޖޫރިމަނާ ކުރުމެވެ.

ބިލުގައި ބުނެފައިވާ ގޮތާ ހިލާފަށް މީހަކު އަމަލު ކޮށްފި ނަމަ އެކަން ހައުސިން މިނިސްޓްރީއަށް ހުށަހެޅުމުގެ ހައްގު އޮވެ އެވެ. އެ ޝަކުވާތައް ބެލުމުގައި އަމަލުކުރާނެ ގަވައިދެއް ހައުސިން މިނިސްޓްރީން އެކުލަވާލަން ޖެހޭނެ ކަމަށް ވެސް ބިލުގައި ވަނީ ބުނެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!