ފަތުރުވެރިންގެ އަތުން އިތުރު ޓެކްސްއެއް އަދި ފީއެއް ނުނަގަން ފާސްކޮށްފި

ކޮވިޑް 19 ގެ ކުރިން ޓޫރިޒަމް ދާއިރާއިން ނަގަމުން އައި ޓެކްސްގެ އިތުރުން، އިތުރު ޓެކްސެއް އަދި ފީއެއްވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނުނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމުން އެކުލަވާލާފައިވާ “މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން”އާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން ފާސްކޮށްފައިވާ ރިޕޯޓަށް ތަޅުމުގައި ގިނަ އިސްލާހުތައް ގެނެސް ފާސްކޮށްފައިވަނީ 59 މެމްބަރުންގެ ވޯޓުންނެވެ. އިގްތިސާދީ ކޮމިޓީން ވަނީ ޓޫރިސްޓުންގެ އަތުން ކޮވިޑް ޓެކްސްގެ ގޮތުގައި 8 އެމެރިކާ ޑޮލަރު ނަގަން މަޖިލީހުން ސަރުކާރަށް ހުށަހެޅުމަށް ނިންމައިފަ އެވެ.

މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޓީގައި ވެސް އިންނަވާ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވީ، ކޮވިޑް ޓެކްސްއެއް ނަގަން ކޮމިޓީން ނިންމީ ސަރުކާރަށް އާމްދަނީއެއް ހޯދުމުގެ ގޮތުން އިތުރު ފީއެއް ނަގަން ސަރުކާރުގެ ބައެއް މިނިސްޓްރީތަކުގެ ވިސްނުމުގައި ވެސް އޮތުމުން ކަމަށެވެ.

ނަމަވެސް ތަޅުމުގައި ވާހަކަ ދެއްކެވި ގިނަ މެންބަރުން ވަނީ މި ހާލަތުގައި ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަތުން އިތުރު ޓެކްސްއެއް ނަގަން ދެކޮޅު ހައްދަވައިފަ އެވެ. އަދި އެހެން ގައުމަތަކަށްވުރެ ރާއްޖޭން ޓޫރިސްޓުންގެ އަތުން ނަގާ ފީތަކުގެ އަގާއި އިތުރު އަގުތައް ވެސް ކުޑަވާން ވާނެ ކަމަށް ގިނަ މެންބަރުން ވިދާޅުވި އެވެ.

މިހާލަތުގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ކޯވިޑް-19 އާއި ގުޅިގެން އެއްވެސް ޓެކްސްއެއް އަދި ފީއެއް ނުނެގުމަށް މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓްގައި ބައިވެރިވެ ވަޑައިގެންނެވި 55 މެމްބަރުންގެ ވޯޓުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!