އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020 މަޖިލީސް އަށް ހުށަހަޅައިފި

ކޮވިޑް-19 ގެ މި ދަތި ހާލަތުގައި، ކުލިދައްކައިގެން އުޅޭ މީހުން ގެއިން ނެރުމާއި ވަޒީފާއިން ވަކިކުރުން ފަދަ ކަންކަން ހުއްޓުވުމަށާއި، އެ ހާލަތުގައި އެކި ފަރާތްތަކަށް އިޖުތިމާއީ ރައްކާތެރިކަން ދީ، ކޮވިޑްގެ މަސައްކަތްތަކުގައި އުޅޭ ފަރާތްތައް ރައްކާތެރި ކުރުމާބެހޭ ގޮތުން ސަރުކާރުން ހުށަހެޅި ބިލަށް މަޖިލީހުގައި މިއަދު ބަހުސް ފަށައިފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް “އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020”ގެ ނަމުގައި މި ބިލު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ދީދީއެވެ.

ބިލުގައި ބުނެފައިވަނީ، މި ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ، ކޮވިޑް 19 އާ ގުޅިގެން މެދުވެރިވެފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި، ވަކިވަކި ފަރުދުންނާއި، އާއިލާތަކާއި، ވިޔަފާރިތަކަށް އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އެޅުމައި ދައުލަތް ހިންގުމުގެ ނިޒާމު މެދުކެނޑުމެއް ނެތި ކުރިޔަށްގެންދިޔުން މަގުފަހިކުރުމަށް ކަމާބެހޭ ގާނޫނުތަކުގައި ބަޔާންކުރާ އިޖުރާއަތުތަކަށް ކޮންމެހެން ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށެއެވެ.

މި ބިލު އެކުލަވާލާފައިވަނީ، ކޮވިޑް 19 އާ ގުޅިގެން މެދުވެރިވެފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ އަމިއްލަ ފަރުދުންނާއި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީ، އެފަރާތްތަކަށް ކުރިމަތިވެފައިވާ އެނޫންވެސް އިޖްތިމާއީ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ގާނޫނުން ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި، ވަޒީފާއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް، ހާއްސަ ގާނޫނެއް މެދުވެރިކޮށް ވަގުތީ ހައްލުތަކެއް ހޯދައިދިނުމަށް އިސްކަންދީގެންނެވެ.

ދިރިއުޅޭ ތަންތަނާ ގުޅޭގޮތުން ބިލުގައި ވަނީ، އެއްވެސް ފަރާތެއް މަގުމަތިވިޔަ ނުދިނުމަށްޓަކައި، ދިރިއުޅުމަށް ކުއްޔަށް ދީފައިވާ ތަންތަނުން ނޯޓިހެއް ދިނުމަކާ ނުލައި މީހުން ނެރެގެންނުވާނެ ކަމުގައި ކަނޑައަޅައި، ތަން ދޫކޮށް ދިޔުމަށް ދެމަސް ދުވަހުގެ ނޯޓިހެއް ދިނުމަށް ލާޒިމުކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!