މިދިޔަ އަހަރު މާލޭ ގެއެއްގެ ތެރޭގައި ބިދޭސީއަކަށް އަނިޔާ ކުރުމުގައި ބައިވެރިވި 8 ފުލުހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓަރ ޖެނެރަލް ނިންމަވާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ކުލަ ހެދުމުގައި ތިބި ފުލުހުންތަކެއް ބިދޭސީއަކަށް އަނިޔާ ކުރި މަންޒަރު ފެންނަ ވީޑިއޯއެއް މިދިޔަ އަހަރުގެ ޖުލައި މަހުގެ ހަ ވަނަ ދުވަހު ވަނީ ސޯޝަލް މީޑިއާގައި ދައުރުވެ، އެ މައްސަލަ ހޫނުވެފަ އެވެ.
ފުލުހުން މިއަދު ވިދާޅުވީ އެ މައްސަލައާއި ގުޅިގެން 11 ފުލުހެއްގެ މައްޗަށް ޖިނާއީ ތަޙްޤީޤެއް ހިންގައި، ދައުވާކުރުމަށް އެދި މިދިޔަ އަހަރުގެ އޯގަސްޓް 31 ވަނަ ދުވަހު ޕީޖީއަށް ވަނީ ފޮނުވާފައި ކަމަށެވެ. އަދި އެއިގެ ތެރެއިން 8 ފުލުހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީން ވަނީ ބަލައިގެންފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
“މި މައްސަލައިގައި ހިމެނޭ ފުލުހުންނަކީ ކްރައިމް ކޮމާންޑަށް ނިސްބަތްވާ ފުލުހުން ކަމަށްވާތީ، މައްސަލައިގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ ކްރައިމް ކޮމާންޑަށް ނިސްބަތްނުވާ އައިއޯއިންގެ މައްޗަށް އެކުލަވާލި ހާއްސަ ޓީމަކުންކަން ފާހަގަކުރަން،” ފުލުހުން މިއަދު ބުންޏެވެ.