ޖެހިޖެހިގެން އަށްވަނަ ފަހަރަށް ބަޔާން ލީގު ނަގައިފި

ވިދިވިދިގެން އަށްވަނަ ފަހަރަށް ޖަރުމަން ލީގުގެ ޗެމްޕިއަންކަން ބަޔާން މިއުނިކް ހޯދައިފިއެވެ.

ޖަރުމަން ބުންޑެސްލީގާ ޗެމްޕިއަންކަން ބަޔާން ހޯދީ ރޭ ރަށުން ބޭރުގައި ވާޑާ ބްރެމެންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެގެންނެވެ. ލީގުގެ 17 ވަނައިގައި އޮތް ވާޑާ ބްރެމަން އަތުން ބަޔާން މޮޅުވީ 1-0 އިންނެވެ. ބަޔާނުން ލީގް ކަށަވަރު ކުރީ ބާކީ އަދި ކުރިއަށް ދެ މެޗު އޮއްވައެވެ. ލީގުގެ އެއްވަނައިގައި ބަޔާން އޮތީ 11 ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެ ޓީމް ކުޅުނު 32 މެޗުން 76 ޕޮއިންޓު ހޯދިއިރު، ދެވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް 31 މެޗުން ލިބިފައިވަނީ 66 ޕޮއިންޓެވެ. ބްރޫޝިއާ ޑޯޓްމަންޑަށް ބާކީ އޮތް ތިން މެޗުން މޮޅުވިޔަސް ގިނަވެގެން އެއްކުރެވޭނީ 75 ޕޮއިންޓެވެ.

ބްރޭމަންގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 43 ވަނަ މިނެޓްގައި ބަޔާން އަށް ކާމިޔާބުކޮށްދިނީ ރޮބަޓް ލެވެންޑޯސްކީ އެވެ. މިއީ ލީގުގައި ލެވެންޑޯސްކީ ކާމިޔާބުކުރި 31 ވަނަ ގޯލުކަން ފާހަގަކޮށްލެވެއެވެ. ލީގުގެ ރަން ބޫޓުގެ އިތުރުން ޔޫރަޕްގެ ލަނޑު ލިސްޓު ވެސް ލީޑް ކުރަމުން އަންނަ ޕޮލަންޑް ފޯވަޑް ވަނީ ހުރިހާ މުބާރާތެއް އެއްކޮށްގެން މުޅިއެކު 45 ގޯލް މިސީޒަންގައި ކާމިޔާބުކޮށްފައެވެ.

ޖެހިޖެހިގެން އަށްވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ބަޔާން ހޯދިއިރު، އެޓީމުގެ ޖުމްލަ ލީގް ތަށީގެ އަދަދު މިހާރު ވަނީ 30 އަށް އަރައިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!