ސަރުކާރުން ފުލުހުންގެ މުއައްސަސާއަށް އިސްލާހީ ބަދަލު ގެނައުމުގެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމް އެފެއާޒް އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.
ނަޒީރު އަންގާރު ދުވަހު ކުރި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ މުއައްސަސާ އަށް އިސްލާހީ ބަދަލު ގެނައުމަކީ ރައީސް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެއްކަމަށާއި, އެ މަސައްކަތް ސަރުކާރުން ހުއްޓާ ނުުލާނެ ކަމަށެވެ.
ނަޒީރު އިތުރަށް ވިދާޅުވީ އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ ލީޑަރޝިޕްގެ ދަށުން ވޭތުވެދިޔަ ވިއްސަކަށް މަސްތެރޭ އިސްލާހީ ހެޔޮ ބަދަލުތަކެއް ފުލުހުންގެ މުއައްސަސާއިން ފެނިފައިވާ ކަމަށްވެސް ނަޒީރު ވިދާޅުވިއެވެ.
“ކުށުގެ ވެއްޓަށް އައިސްފައިވާ ބަދަލަކީ މަސައްކަތްތަކެއްގެ ނަތީޖާ. ފުލުހުންގެ މުއައްސަސާ އިސްލާޙުވާ މިންވަރު ވަޒަންކުރާ މިންގަނޑަކީ މަޒީ ކަމުގައި ދުށުމުގެ ބަދަލުގައި މިއަދު މަގުމަތީގައި ހުރި ފުލުސް މީހާ އާންމު މީހާއާ މުޢާމަލާތްކުރާގޮތް ކަމުގައި ދެކޭނަމަ ބަދަލެއް އިހުސާސް ކުރެވޭނެ” ނަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން ނަޒީރު ވިދާޅުވީ ފުލުހުންގެ މުއައްސަސާ އާއި އެހެން މުއައްސަސާތަކުގައިވެސް އިސްލާހު ކުރަންވީ ކަންކަން ގިނަ ކަމަށާއި ހުރިހާ ފަރާތްތަކެއްގެ ޚާއްސަކޮށް ރައްޔިތުންގެ މަންދޫބުން ދެކޭގޮތް ހާމަކޮށް ބިނާކުރަނިވި ފާޑުކިއުމަކީ “ޕޮލިސް ރިފޯމް” އަށް ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އަދި މިހާރު މިސްރާބު ހުރީ ގޯސް އަމާޒަކަށް ނޫން ކަމަށެވެ.