ޔޫކްރޭންގެ ފަސްޓްލޭޑީ އަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި

ޔޫކްރޭނުގެ ރައީސް، ވްލޮޑިމިއަރ ޒެލެންސްކީގެ އަނބިކަނބަލުން، އޮލޭނާ ޒެލެންސްކާ ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަން މިދިޔަ ހަފްތާގައި ހާމަކޮށްފައި ވަނިކޮށް، އެކަމަނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފިއެވެ.

ޔޫކްރޭނުގެ ރައީސް އޮފީހުންވެސް މިކަން މިހާރު ކަށަވަރުކޮށްދީފައި ވާއިރު، އެ އޮފީހުން ބުނެފައި ވަނީ އޮލޭނާގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް އޮލޭނާ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމާއި ގުޅިގެން އިތުރު މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

އޮލޭނާ ކޮވިޑް-19 އަށް ފައްސިވެފައިވާކަން ހާމަކުރެއްވީ، އެކަމަނާ މިދިޔަ ހަފްތާގައި އިންސްޓަގްރާމް އެކައުންޓު މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އޮލޭނާ ވިދާޅުވީ، އެކަމަނާ ކޮވިޑް-19 އަށް ފައްސިވެފައި ވީނަމަވެސް ފިރިކަލުންނާއި ދަރިން މި ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ޕޯސްޓުގައި އޮލޭނާ ވިދާޅުވީ ކޮވިޑް-19 އަށް ފައްސިވީނަމަވެސް ހާލު ރަނގަޅު ކަމަށާއި، މިކަން އެނގުމާއެކު ހުންނެވީ އެކަހެރިވެވަޑައިގެން ކަމަށް އޮލޭނާ ވިދާޅުވެފައި ވެއެވެ. އަދި އާއިލާއަށް ބަލީގެ ނުރައްކާ ކުރިމަތިވެދާނެ ކަމަށްޓަކައި އާއިލާއާ ވަކިން ހުންނެވި ކަމަށްވެސް ވިދާޅުވިއެވެ.

ޔޫކްރޭން އަކީވެސް ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 32,476 މީހަކަށް މި ބަލި ޖެހި، އޭގެތެރެއިން 912 މީހަކު މަރުވެފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!