ފުލުހުންގެ މުއައްސަސާއަށް އިސްލާހީ ބަދަލު ގެނައުން ހުއްޓައެއް ނުލާނެ: ނަޒީރު

ފުލުހުންގެ މުއައްސަސާއަށް އިސްލާހީ ބަދަލު ގެނައުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި ސަރުކާރުން އެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމް އެފެއާޒް އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.

ސްޓޭޓް މިނިސްޓަރ ނަޒީރު މިހެން ވިދާޅުވީ އަންގާރު ދުވަހު ކުރި ޓްވީޓެއްގައެވެ. އެގޮތުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ ލީޑަރޝިޕްގެ ދަށުން ވޭތުވެދިޔަ ވިއްސަކަށް މަސްތެރޭ އިސްލާހީ ހެޔޮ ބަދަލުތަކެއް ފުލުހުންގެ މުއައްސަސާއިން ފެނިފައިވާ ކަމަށްވެސް އެ ޓުވީޓުގައި ނަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން ނަޒީރު ވިދާޅުވީ ކުށުގެ ވެއްޓަށް އައިސްފައިވާ ބަދަލަކީ މި ސަރުކާރުން ކޮށްފައިވާ އިސްލާހީ މަސައްކަތުގެ ނަތީޖާ ކަމަށާއި، ފުލުހުންގެ މުއައްސަސާއަށް އައިސްފައިވާ ބަދަލު މިންކުރަން ވާނީ މާޒީގައި ފުލުހުން ހިންގާފައިވާ ކަންކަމުގެ ބަދަލުގައި މިހާރު ފުލުހުން ރައްޔިތުންނާ މުއާމަލާތް ކުރާގޮތަށް ބަލައިގެން ކަމަށެވެ. އަދި އެގޮތަށް ބަލައިފިނަމަ ފުލުހުންގެ އިދާރާއަށް މިހާރު އައިސްފައިވާ ބަދަލު ފެންނާނެ ކަމަށް ނަޒީރު ވިދާޅުވިއެވެ.

ނަޒީރު އިތުރަށް ވިދާޅުވީ ފުލުހުންގެ މުއައްސަސާ އާއި އެހެން މުއައްސަސާތަކުގައިވެސް އިސްލާހު ކުރަންވީ ކަންކަން ގިނަ ކަމަށާއި ،ހުރިހާ ފަރާތްތަކެއްގެ ޚާއްސަކޮށް ރައްޔިތުންގެ މަންދޫބުން ދެކޭގޮތް ހާމަކޮށް ބިނާކުރަނިވި ފާޑުކިޔުން “ޕޮލިސް ރިފޯމް” އަށް މުހިންމު ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!