ނިދި މަދުވެއްޖެ ނަމަ ވަރަށް ގިނަ އުނދަގޫތައް ކުރިމަތިވެ އެވެ. ފަސޭހައިން ބަލި ވެސް ވެ އެވެ. މިއީ ކިހިނެއް ދިމާވާ ކަމެއްކަން އާ ދިރާސާއެއްގައި ވަނީ ހޯދައިފައެވެ
ދިރާސާގައި ބުނަނީ ނިދި މަދުވުމުން ދިފާއީ ނިޒާމު ބަލިކަށިވާ ކަމަށެވެ.
މި ދިރާސާ ކުރުމަށް ބޭނުންކޮށްފައި ވަނީ އެއްމާބަނޑު މީހުންނެވެ. މިއިން ކޮންމެ އެއްމާބަނޑު ދެ މީހެއްގެ ވެސް ނިދުމުގެ އާދަ ހުންނަނީ މުޅިން ތަފާތުކޮށެވެ. އެގޮތުން، އެއްމާބަނޑު ދެބެއިންގެ ތެރެއިން ނިދި މަދު މީހާގެ ދިފާއީ ނިޒާމު ބަލިކަށި ކަމަށާއި ފަސޭހައިން ބަލިވާ ކަމަށް ދިރާސާއިން ހާމަވި އެވެ.
ޔުނިވަސިޓީ އޮފް ވޮޝިންޓަން މެޑިސިން ސްލީޕް ސެންޓަރުގެ ޕްރޮފެސަ އޮފް ނިއުރޮލޮޖީ ޑރ. ނަތަނިއަލް ވޮޓްސަން ވިދާޅުވީ މިއީ ނިދި މަދުވުމުގެ ސަބަބުން ދިފާއީ ނިޒާމަށް މައްސަލަތައް ކުރިމަތިވާކަން ހާމަވި ފުރަތަމަ ދިރާސާ ކަމަށެވެ. އޭނާ ވިދާޅުވީ ނިދި މަދުވެފައި ހުންނަ މީހާ އަރިދަފުސް ރޯގާގެ ވައިރަހަށް ހުށަހެޅުމުން އެ ވައިރަހުގެ އަސަރު ފަސޭހައިން ކުރާ ކަމަށް މީގެ ކުރިން ހާމަވެފައިވާ ދިރާސާތަކަށް، އާ ހޯދުމުން ވަރަށް ބޮޑަށް ބާރު ލިބިއްޖެ ކަމަށެވެ.
ޖެނެޓިކް ކަންކަމާއި މާހައުލާ ގުޅުން ހުރި ކަންކަމާއި މި ނޫނަސް ވަރަށް ގިނަ ކަންތައްތައް ނިންޖާ ގުޅިފައިވެ އެވެ. އަލަށް ކުރި ދިރާސާގައި ބަލާފައި ވަނީ ޖެނެޓިކް ކަންކަމާ ގުޅުން ނުހުންނަ ސަބަބުތަކަށެވެ. އަދި މިކަމާ، ދިފާއީ ނިޒާމާ ގުޅުން ހުރި ކަންކަން ވެސް ދިރާސާގައި ފާހަގަކުރެވުނެވެ.
ދިރާސާގައި ބައިވެރިކުރި މީހުންގެ ލޭގެ ސާމްޕަލްތައް ނަގައިގެން ޓެސްޓުކުރި އިރު، ދިފާއީ ނިޒާމުގެ އިޖާބަ ދިނުމުގެ ގާބިލްކަން ރަނގަޅަށް ނިދި މީހުންގެ ކިބައިގައި އިތުރެވެ. ވޮޓްސަން ވިދާޅުވީ ދިފާއީ ނިޒާމަށް ބޭނުންވާ ޕްރޮޓީން އުފައްދައި މަރާމާތުކޮށްދިނުމަށް ނިދި ވަރަށް މުހިންމު ކަމަށެވެ. އެހެންވެ ނިދި މަދުވި ވަރަކަށް ދިފާއީ ނިޒާމުގެ ފުރިހަމަކަން ކުޑަވަމުން ދަނީ ކަމަށް ވޮޓްސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަނގަޅު ކާނާ އާއި ކަސްރަތަކީ ދިފާއީ ނިޒާމު ވަރުގަދަކުރުމަށް ކޮންމެހެން ބޭނުންވާ ކަންކަމަށް ވާއިރު ނިދި ވެސް ހަމަ އެހާ މުހިންމު ކަމަށެވެ. އަދި ވިދާޅުވީ ފުރިހަމަ ސިއްހަތަކަށް ނިދީގެ މުހިންމުކަން މި ދިރާސާއިން ކަށަވަރުވާ ކަމަށެވެ.
.