ކޮވިޑްގައި ހާލު ބޮޑުވާ މީހުން ބަލިން ފަސޭހަވުމަށް އެހީވާ ބޭހެއް ފެނިއްޖެ

ކޮވިޑު-19ގައި ހާލު ބޮޑުވާ މީހުން ބަލިން ފަސޭހަވުމަށް އެހީވާ ބޭހެއް ހޯދިއްޖެކަމަށް އިނގިރޭސިވިލާތުގެ މާހިރުންތަކެއް ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ސައިންސްވެރިން ވިދާޅުވި ގޮތުގައި، އެންޓި އިންފްލެމޭޓަރީ ބޭހެއް ކަމަށްވާ ޑެކްސަމެތަސޯން އަކީ ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރެވިދާނެ އެއްޗެއްކަން އެ ބޭހުގެ ދަށް ޑޯޒެއް ބޭނުންކޮށްގެން ކުރި ދިރާސާތަކުން ޔަގީންކަން ލިބިފައިވާ ކަމަށެވެ. އަދި ވެންޓިލޭޓަރުގައި ތިބޭ ބަލިމީހުން މަރުވުމުގެ ފުރުސަތު ތިން ބައިކުޅަ 1 ބައި މި ބޭހުގެ ސަބަބުން ދަށްކޮށްދޭކަމަށެވެ. އަދި ހާލު އެހާ ސީރިއަސް ނޫނަސް އޮކްސިޖަން ދޭންޖެހޭ މީހުން ކޮވިޑް-19 ގައި މަރުވުމުގެ ނުރައްކާ ފަސް ބައިކުޅަ އެއް ބަޔަކަށް ދަށްކޮށްދޭކަން ވަނީ އެނގިފަ އެވެ.

އިނގިރޭސިވިލާތުގައި މި ބައްޔަށް ފަރުވާ އެއް ހޯދުމަށް ތަފާތު ބޭސްތައް ބޭނުން ކުރަމުން އައިސް، މި ބޭހުން ފާހަގަކޮށްލެވޭ ވަރުގެ ބަދަލެއް އަންނަކަން ވަނީ ދެނެގަނެވިފައެވެ. އަދި އެ ގައުމުގެ ސިއްހީ މާހިރުން ބުނެފައި ވަނީ މި ބޭސް ކުރިން ބޭނުން ކުރެވުނު ނަމަ 4،000 އާއި 5،000 އާއި ދެމެދުގެ މީހުންގެ ފުރާނަ އެ ގައުމުން ސަލާމަތް ކުރެވުނީސް ކަމަށެވެ. ކޮވިޑު-19 ގެ މާބޮޑު އަލާމާތެއް ނުފެންނަ މީހުންނަށް މި ބޭސް ބޭނުން ނުވާކަމަށް ދިރާސާކުރި ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. 

މި ދިރާސާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއިންނެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!