ފުލުހުންގެ މައި އިދާރާގެ ނަން ބަދަލުކޮށްފިނަމަ މަޖިލިސް އުވާލަންދެން މުޒާހަރާކުރާނަން: ޑރ.ޝަހީމް

ފުލުހުންގެ މައި އިދާރާ ކަމަށްވާ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގެ ނަން ބަދަލުކޮށްފިނަމަ، ރައްޔިތުންގެ މަޖިލިސް އުވާލަންދެން މުޅި ރާއްޖޭގައި މުޒާހަރާތައް ބާއްވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް މިފަދައިން ވިދާޅުވީ މިއަދު އޮތް ރައްޔިތުން މަޖިލިހުގެ ޖަލްސާގައި އެމަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަކަށް އިޝާރާތްކުރައްވައެވެ. ރައީސް ނަޝީދު ވިދާޅުވީ ފުލުހުންގެ މައި މަރުކަޒުގެ ނަންވެސް އަދި ފުލުހުންގެ ޔުނިފޯމުވެސް ބަދަލުކުރުމަށް މެންބަރުން އެދިވަޑައިގަންނަވާ ކަމުގައެވެ. 

ނަޝީދުގެ މި ވާހަކަތަކާ ގުޅިގެން ޝަހީމް ވިދާޅުވީ ޝަހީދު ހުސެއިން އާދަމް ބިލްޑިންގެ ނަން ބަދަލުކޮށްގެން ނުވާނެ ކަމަށާއި އެކަންކޮށްފިނަމަ މަޖިލިސް އުވާލަންދެން މުޅި ރާއްޖޭގައި ވަރުގަދަ ވެގެންދާ މުޒާހަރާތައް ބާއްވާނެ ކަމަށެވެ.

އަދި އޭގެ އިތުރަށް ޝަހީމުވަނީ ރަތް ރޮނގު ހުރަސްނުކުރުމަށް އިންޒާރުދެއްވައި ޝަހީދު ހުސައިން އާދަމަކީ ދިވެހި އުންމަތުގެ ފަޚުރެއް ކަމުގައި ވިދާޅުވެފައެވެ. 

ފުލުހުންގެ ހިދުމަތުގެ ބިލު މަޖިލީހަށް މިއަދު ބަލައިގަތުމަށްފަހު ވަނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީއަށް ފޮނުވާފައެވެ.

މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ހެންވޭރު ހުޅަނދު ދާއިރާގެ މެމްބަރު ހަސަން ލަތީފު އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!