މިއަހަރު މިނިމަމް ވޭޖް ކަނޑަނޭޅުމަށް މިނިސްޓަރ އެދިވަޑައިގެންފި

މުޅި ދުނިޔޭގެ އިގްތިސާދު އަނދަވަޅަށް ވެއްޓިފައިވުމާއި ރާއްޖޭގެ އިގްތިސާދު ވެސް ދުވަހަކު ނުދާވަރަށް ދަށަށް ގޮސްފައި ވާތީ، މި ވަގުތު މިނިމަމް ވޭޖް ކަނޑައެޅުމަށް ނުފެންނަ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިމަމް ވޭޖް ރިޕޯޓްއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީގައި މިއަދު ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، މިނިމަމް ވޭޖް ކަނޑައެޅުމަށް އޭނާ ތާއިދު ކުރައްވާ ކަމަށެވެ. ނަމަވެސް މިނިމަމް ވޭޖް އެއް ކަނޑައަޅާ އަމަލުކުރަން މިއީ އެންމެ ރަނގަޅު ދަނޑިވަޅު ނޫންކަމަށާއި، އެކަން ކުރަންވީ 2022 ވަނަ އަހަރުކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

“މިނިވަން ވޭޖް ކަނޑައެޅުމުގައި އަޅުގަނޑަށް ފެންނަ ފެނުމުގައި މިއީ އެންމެ ރަނގަޅު ވަގުތެއް ނޫން. ދުނިޔޭގެ ހުރިހާ ގައުމެއްގެ އިގްތިސޯދު ވެސް އަދި އަޅުގަނޑުމެންނަށް އެންމެ ޔަގީންކަމާއި އެކު ނޭނގޭ ކިހިނެކުން ކަމެއް އަޅުގަނޑުމެން އިގްތިސޯދު ބަދަލުވެގެން ދާނީއެއް” އަމީރު ވިދާޅުވިއެވެ.

އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމަށް މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުން ވަނީ އިކޮނޮމިކް މިނިސްޓަރަށް ލަފާ އަރުވާފައެވެ.

އަމީރު ވިދާޅުވީ ޕަބްލިކް ސެކްޓާގައި މަސައްކަތް ކުރާ 44،838 މުވައްޒަފުންގެ ތެރެއިން 22،378 މުވައްޒަފުންނަށް އަސާސީ މުސާރައިގެ ގޮތުގައި ލިބޭނީ 6،400 އަށް ވުރެ ދަށް އަދަދެއް ކަމަށެވެ. އެހެންކަމުން މިނިމަމް ވޭޖްގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމުން، އިތުރު 2.3 ބިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!