ރައްޔިތުންގެ މަޖިލީހުގައި ހުރި މަސައްކަތްތަކުގެ ތެރެއިން މުހިންމު 5 ބިލަކަށް ފުޅާދާއިރާއެއްގައި އާންމުންގެ ޚިޔާލު ހޯދަންޖެހޭކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް ވަރަށް ގިނަ ކަންކަމުގައި އެކި ފަރާތްތަކުން ސިޓީ ފޮނުވާކަމަށާއި، އެ ސިޓީތަކަކީ މަޖިލީިހުގައި ކުރިއަށްދާ މަސައްކަތްތަކާއި ގުޅޭގޮތުން ހުށަހަޅާ ހިޔާލުތަކުގެ ގޮތުގައި ބޭނުންކުރުމަކީ ބޭނުންތެރި ކަމެއްކަމަށް ދެކޭކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި މިވަގުތު ވަރަށް މުހިންމު ފަސް ބިލެއް އެބައޮތް ކަމަށާއި، މަޖިލީހުގެ ގަވައިދު ބުނާގޮތުން އެކަންކަމުގައި އާންމުންގެ ހިޔާލު ހޯދަންޖެހޭކަމަށެވެ.
ޖިލީހުގައި އާންމުންގެ ޚިޔާލު ހޯދަންޖެހޭ ކަމަށް މަޖިލީހުގެ ރައީސް ފާހަގަކުރެއްވި ބިލުތައް:
- ފުލުހުންގެ ބިލު
- މިނިމަމްވޭޖް ބިލު
- މަތީ ތައުލީމާއި، ތައުލީމުގެ ބިލު
- ބޯހިޔާވަހިކަމާއި، އެންމެދު އިމާރާތުގެ ބިލު
- އިންތިޤާލީ އިންސާފުގެ ބިލު
މަޖިލީހުގެ މިވަގުތުގެ ވަސީލަތްތައް ހުރިގޮތުން ތިން ގޮތަކަށް މަޝްވަރާތައް ކުރިއަށް ގެންދެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. މަޝްވަރާ ކުރެވިދާނެ ގޮތްތައް ކަމަށް ރައީސް ނަޝީދު ވިދާޅުވި ތިން ގޮތަކީ:
- އާންމުން ބައިވެރިވެ ހިޔާލު ފާޅުކުރާ ޕެނަލް ޑިސްކަޝަން ބޭއްވުން
- މެމްބަރުންނަށް ހާއްސަކޮށް، އާންމުނަށް ވެސް ބައިވެރިވެވޭ ގޮތަށް މާހިރުންގެ ތަގުރީރުތައް ބޭއްވުން
- އަތޮޅުތަކުގައި ޓައުން ހޯލްތަކާއި ފިނިއަށިތަކުގައި މަޝްވަރާކުރުން
މަޖިލީހަށް ހުށަހެޅިފައިވާ ސިޓީތަކަކީ ބޭނުންތެރި ސިޓީތަކެއްކަން ފާހަގަކޮށް މަޖިލީހުގެ ރައީސްވަނީ މި ސިޓީތައް މަޖިލީހުގެ ކޮމިޓީތަކުގައި ބޭނުންކުރެވޭ ގޮތަކަށް އިދާރީ މުވައްޒިފުންނާއި ވާހަކަ ދައްކައިގެން އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ.